ވިލިމާލޭ ހޮސްޕިޓަލް އަންނަ އަހަރު އިމާރާތްކުރަން ފެށޭނެ

ވިލިމާލޭ ހޮސްޕިޓަލްގެ މަސައްކަތާ ގުޅޭ އެއްބަސްވުން -- ފޮޓޯ/ މިނިސްޓްރީ

މި ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ފީސިބިލިޓީގެ މަސައްކަތް ނިންމައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވިލިމާލެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާ ހަވާލުކޮށްފައިވަނީ މެއި މަހުގެ 22ގައެވެ.

މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންސްގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވަނީ އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ދާނެ ގޮތުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ޑިޒައިންއާ ޓެންޑަރިންގެ މަސައްކަތަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން، މި އެއްބަސްވުމުގެ ދަށުން ޕްރޮޖެކްޓު މެނޭޖްމަންޓު ކުންފުންޏެއް ޗައިނާ ސަރުކާރުން ކަނޑައަޅާނެ ކަމަށާއި އެ ކަމަށް ބޭނުންވާ ޖިއޮލޮޖިކް ސާވޭއާއި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްކުރަން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ

އެ ޑިޒައިންތައް ނިންމައި ސަރުކާރަށް ހުށަހަޅައިގެން އެޕްރޫވް ކުރާނެ ކަމަށާއި ވިލިމާލެ ހޮސްޕިޓަލްގެ އެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ޗައިނާ ސަރުކާރުން ބިޑުކޮށްގެން ހޯދާނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

އިމާރާތްކުރުމުގެ މަސައްކަތް މި އަންނަ އަހަރުގެ މެދު ތެރޭގައި ފެށިގެން ދެ އަހަރު ތެރޭ މަސައްކަތް އެއްކޮށް ނިންމާލެވޭ ކަމަށް މި ބަލަނީ. އޭގެ ތެރޭގައި، އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ކަމަކާއި ސަޕްލައިކުރަން ޖެހޭ މެޝިނަރީސްތަކާ އެއްޗެހި ސަޕްލައިކޮށް ހޮސްޕިޓަލް ނިންމުން،

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އުންމީދަކީ އެ ހޮސްޕިޓަލްގެ މަސައްކަތްތައް ނިންމައި 2027 ވަނަ އަހަރުގެ ތެރޭގައި ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ޚިދުމަތް ދޭން ފެށުން ކަމަށެވެ.

މި މަސައްކަތްތައް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓުގެ މަސައްކަތް އެ މިނިސްޓްރީން ކުރި ކަމުގައި ވިޔަސް އެ ތަނުގެ މަސައްކަތް ނިމުމުން ހިންގާނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބެލުމުގެ ދަށުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ ނިމިދިޔަ ޑިސެންބަރު މަހުގެ 27ވަނަ ދުވަހެވެ. އޭރު އެ މަޝްރޫއު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި ރައްޔިތުންނާ މުޚާތަބުކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި މަޝްރޫއުއަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް