އަހަރުގެ ބާކީ މުއްދަތަށް ޚަރަދުތައް ހަމަޖައްސަން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ

16 އޮކްޓޯބަރު 2024: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ބާކީ މުއްދަތަށް ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މިއަހަރަށް ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށާއި އެ ބަޖެޓުގެ ކަންކަން ކުރިއަށްދާކަމަށެވެ.

މި އަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިފައިވަނީ މިދިޔަ އަހަރުގެ ބަޖެޓުގައި ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި ދައުލަތުން ޚަރަދު ކުރުމަށް ފަހު އެ ޚަރަދުތައް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައި ހުށަހަޅައިފައިވާކަން ފާހަގަކުރައްވެފައިވުން ހިމެނޭކަމަށް ޒަމީރު ވިދާޅުވިއެވެ.

އެހެންކަމުން އެ ކަން ހިނގި ގޮތް ބަލައި، އިތުރަށް ބޭނުންވާ ފައިސާގެ އަސްލު މިންވަރު ދެނެގަނެ ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދެން އޭގައި އަދި އަޅުގަނޑުމެންނަށް ސީދާ އަދި ކިހާ ވަރެއްގެ ސަޕްލިމެންޓްރީ ބަޖެޓެއްތޯ ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އިތުރު ލަފާ ހޯދައި އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފައާ އެއްކޮށް، އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑަށް ލިބުނީމާ،" ޒަމީރު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކަށް ބަލާނަމަ، ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ ޚަރަދުތައް ބޮޑުވެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކުރެއެވެ. އެގޮތުން، މިދިޔަ އަހަރު ސަރުކާރުން ވަނީ މަޖިލީހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ.

comment ކޮމެންޓް