ސިންވާރު އަވަހާރަކޮށްލުން: އިސްރާއީލުގެ ގިނަ ދޮގުތަކެއް ބޭޒާރުވެއްޖެ

އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުކުރި ސިންވާރުގެ ވީޑިއޯގެ ތެރެއިން: އެ ޑްރޯން ވީޑިއޯއިން، ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ސިންވާރު ޑްރޯންއާ ދިމާލަށް އެއްޗެއް އެއްލާ މަންޒަރު ފެނޭ -- ފޮޓޯ/އޭޕީ

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ބުރާސްފަތި ދުވަހުއެވެ. އިއްޔެ ހަމާސް އިން ވަނީ ރަފަހުގެ ތަލް އަސް ސުލްތާނުގައި ސިންވާރު އަވަހާރަކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ސިންވާރު އަވަހާރަކޮށްލުމުގެ ކުރިން އިސްރާއީލުން އޭނާ ހޯދުމުގެ މަސައްކަތް ކުރާތާ ދިގު މުއްދަތެއް ވެފައިވާއިރު، އިސްރާއީލުން ބުނަމުން އައީ އޭނާ އާންމު ރައްޔިތުންގެ ފަހަތުގައި ބިންގަރާސްތަކުގައި ފިއްލަވައިގެން އުޅުއްވާ ކަމަށެވެ.

ނަމަވެސް ސިންވާރު އަވަހާރަކޮށްލައިފައިވާކަން ކަށަވަރު ކޮށްދިނުމަށް އިސްރާއީލުން އާންމުކުރި ފޮޓޯތަކާއި ވީޑިއޯތަކުން ހާމަވީ އެއީ ހުސް ދޮގުކަމެވެ. އަދި 61 އަހަރުގެ ސިންވާރު އަވަހާރަވީ އިސްރާއީލް ސިފައިންނާ ކުރިމަތިލެއްވުމުގައި އެންމެ ފަހު ވަގުތު ވެސް ހުންނަވަނިކޮށް ކަމަށް ވަނީ ހާމަވެފައެވެ.

ސިންވާރަކީ ކާކު؟

ސިންވާރަކީ އެންމެ ފަހުން ހަމާސްގެ ލީޑަރު ކަމަށް އައްޔަންކުރެއްވި ބޭފުޅާއެވެ.

ހަމާސްގެ ކުރީގެ ލީޑަރުން އިސްމާއީލު ހަނިއްޔާއާއި ސީނިއާ ކޮމާންޑަރު މުޙައްމަދު ޟައިފް އަވަހާރަކޮށްލިފަހުން އެ ޖަމާއަތުގެ ލީޑަރުކަމާ ސިންވާރު ހަވާލުވީ މިދިޔަ އޮގަސްޓު މަހުގައެވެ.

ހަމާސްގައި 1980ގެ އަހަރުތަކުން ފެށިގެން ހަރަކާތްތެރިވަމުން އައި ސިންވާރު އިސްރާއީލުގެ ޖަލުގައި 22 އަހަރު ވަންދެން ހައްޔަރުކޮށްފައި ބެހެއްޓިއެވެ. އޭނާ ދޫކޮށްލީ ގައިދީން ބަދަލު ކުރުމުގެ ޕްރޮގްރާމެއްގައި 2011 ވަނަ އަހަރެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގެ މޭސްތިރިއަކަށް ހުންނެވި ކަމަށް ބުނާ ސިންވާރަކީ އިސްރާއީލުގެ ވޯންޓެޑް ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަމެވެ.

ސިންވާރު އަވަހާރަކޮށްލީ އެކަމަށް ޚާއްސަ އޮޕަރޭޝަނެއްގައި؟

ބުދަ ދުވަހުގެ މެންދުރު 2:00އާއި 3:00އާ ދެމެދުގެ ވަގުތެއްގައި އިސްރާއީލު ސިފައިންގެ ބިސްލާޗް ބްރިގޭޑް ޓްރެއިނިން ޔުނިޓުން ވަނީ ރަފަހުގެ ތަލް އަލް ސުލްތާނު އަވަށް ބަލައި ފާސްކޮށްފައެވެ.

އެމީހުންނަށް ފެނުނީ މަދު ބަޔަކު ހިމެނޭ ގްރޫޕެއްގެ ހަނގުރާމަވެރިން އިމާރާތްތަކުގެ މެދުގައި ހަރަކާތްތެރިވަމުން ދިޔަތަނެވެ. އެތަނުގައި ސިންވާރު ހުންނެވި ކަމެއް އޭރު ނޭނގެއެވެ.

ހަނގުރާމަވެރިން ތިބި ތަންތަން ދެނެގަތުމަށް އެހީތެރިވުމަށް ޑްރޯންތައް ބޭނުންކޮށްގެން ސިފައިން ވަނީ އެ ގްރޫޕަށް އަމާޒުކޮށް ބަޑި ޖަހައި ތިން ހަނގުރާމަވެރިން މަރާލާފައެވެ.

ނަމަވެސް އެތަނުން އެކަކު ހަލާކުވެފައިވާ އިމާރާތެއްގެ އެތެރެއަށް ވަންނަ މަންޒަރު ފެނުމުން އެ މީހާގެ ފަހަތުން ޑްރޯނެއް ފޮނުވިއެވެ. މަރުގެ އެންމެ ފަހު ވަގުތުވެސް ސިންވާރު ވަނީ އިސްރާއީލުގެ ޑްރޯނާ ދިމާލަށް އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިފައެވެ. އޭރު އޭނާ އިނީ ގޮނޑިގެއްގައި އިށީދެ ކަން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެނެއެވެ. އިސްރާއީލުން ފަހުން ވަނީ އެ އިމާރާތަށް ހަމަލާދީ ސިންވާރު އަވަހާރަކޮށްލާފައެވެ.

އިތުރު ނުރައްކަލެއް އަތުވެދާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ އިމާރާތަށް ނުވަދެ މަޑުކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށްވެސް އެމީހުން އެ އިމާރާތަށް ނުވަދެއެވެ.

އޭގެފަހުން ގޮސް ބެލިއިރު، އޭގެ ތެރެއިން އެއް ހަށިގަނޑަކީ ހަމާސްގެ ލީޑަރާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް ހުރި ހަށިގަނޑެއްކަން ފާހަގަވެ އިތުރަށް ބަލަން ފެށީއެވެ.

އެއީ ސިމްވާރުކަން ޔަގީންކުރުމަށް ޓަކައި އިސްރާއީލަށް ހަށިގަނޑު ގެންގޮސް، އިނގިލީގެ ނިޝާނާއި ޑެންޓަލް ރެކޯޑްސް އެއްގޮތްތޯ ބަލައި ކަށަވަރުކުރިއެވެ.

ރާމަﷲގައި ކުޑަކުއްޖަކު ސިންވާރުގެ ފޮޓޯއެއް ހިފައިގެން: ސިންވާރު އަވަހާރުކޮށްލުމުން ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުން -- ފޮޓޯ/ އޭއެފްޕީ

އިސްރާއީލަށް ސިންވާރު ފެނުނީ ޖާސޫސީ ވަސީލަތްތައް ބޭނުންކޮށްގެންތަ؟

އިސްރާއީލުގެ އޮފިޝަލުންތަކަކާ ހަވާލާދީ ނިއު ޔޯކު ޓައިމްސްއިން ބުނެފައިވާ ގޮތުގައި ސިންވާރު އަވަހާރަކޮށްލި އިސްރާއީލުގެ ޕެޓްރޯލު ޔުނިޓަކީ ޓްރެއިނިން ހަދާ ކޮމާންޑަރުންތަކެއް ހިމެނޭ ޔުނިޓެކެވެ. އަދި ހަމަލާ ދިންއިރު، ސިންވާރު އެތާ ހުންނެވިކަން އެމީހުންނަށް ނޭނގޭ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ސިންވާރު ހޯދުނީ އެމީހުންގެ ޖާސޫސީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އިސްރާއީލާއި އެމެރިކާއިންވެސް ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ނެތެވެ.

ސިންވާރު އަވަހާރަކޮށްލުމުގައި އެމެރިކާގެ ދައުރު ވެސް އެބައޮތް ކަމަށް ހާމަކުރުމަށް އެގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ، އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސްގެ މުވައްޒަފުންނާއި ޖާސޫސީ ޕްރޮފެޝަނަލުން ވެސް އިސްރާއީލާއެކު ސިންވާރު ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ސިންވާރު ހޯދުމަށް ބޭނުންކޮށްފައިވަނީ ކޮން ވަސީލަތްތަކެއް؟

އިސްރާއީލުގެ ޑޮމެސްޓިކް އިންޓެލިޖެންސް ފޯސް ކަމަށްވާ ޝިން ބެޓްގެ ތެރޭގައި ސިންވާރު ހޯދުމަށް ޚާއްސަ ޔުނިޓެއް އުފެއްދިއެވެ.

ޝިން ބެޓަށް އެހީތެރިވުމުގެ ގޮތުން އެމެރިކާގެ އިދާރާތަކުން ވަނީ އިލެކްޓްރޯނިކް މުވާސަލާތުތައް އިންޓަސެޕްޓްކޮށް، "ގްރައުންޑް ޕެނެޓްރޭޝަން ރާޑަރު" ފޯރުކޮށްދީއެވެ.

މި ހުރިހާ ކަމަކާއެކުވެސް ސިންވާރު ހޯދުމުގައި އެމީހުންނަށް ކާމިޔާބީ ލިބިފައެއްނުވެއެވެ.

އިސްރާއީލާއި އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ސިންވާރު ހޯދަން އުނދަގޫވީ އޭނާ އިލެކްޓްރޯނިކް މުވާސަލާތީ ވަސީލަތްތައް ބޭނުން ނުކުރައްވާތީއެވެ.

އިސްރާއީލުން ބުނަމުން އައީ ސިންވާރު އުޅުއްވަނީ އިސްރާއީލުގެ ރަހީނުން އައްޑަނައަކަށް ހަދައިގެން ޣައްޒާގެ ޓަނަލްތަކުގެ ތެރޭގައި ބިރުން ފިއްލަވައިގެން ކަމަށެވެ.

ނަމަވެސް ސިންވާރު އަވަހާރަކޮށްލި ސަރަހައްދު އިސްރާއީލުން ބަލައިފާސްކުރިއިރު، އާންމު ރައްޔިތުންގެ ބަޔަކު ފެނިފައެއްނުވެއެވެ.

comment ކޮމެންޓް