އަހަރެން މަރާލަން އުޅުމަކީ ބޮޑު ގޯހެއް: ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: ރޮއިޓާސް

އީރާނުން ތާއީދުކުރާ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒްބުﷲ އިން އޭނާއާއި އޭނާގެ އަންހެނުން މަރާލަން ކުރި މަސައްކަތަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ އޭނާގެ ގެކޮޅަށް އަމާޒުކޮށް ހިޒްބުﷲއިން އިއްޔެ ދިން ޑްރޯން ހަމަލާއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިސްރާއީލުގެ ރައްޔިތުންނަށް ގެއްލުންދޭން މަސައްކަތް ކުރާ ކޮންމެ މީހަކު އެކަމަށް ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫގެ ގެކޮޅަށް ހަމަލާ އަމާޒުވިކަން އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ހަމަލާދިންއިރު ނަތަންޔާހޫއާއި އޭނާގެ އަންހެނުން ގޭގައި ނޫޅޭ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވެއެވެ.

އެ ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުން ބުނެފައިވާ ގޮތުގައި ލުބްނާން ތެރެއިން ތިން ޑްރޯނެއް އިސްރާއީލުގެ މެދުތެރެއަށް އަމާޒުކޮށް ފޮނުވިއެވެ. އޭގެ ތެރެއިން ދެ ޑްރޯނެއް އިންޓަސެޕްޓްކޮށް ވައްޓާލެވުނަސް ނަތަންޔާހޫގެ ގެޔާ ދިމާލަށް ފޮނުވާލި ޑްރޯން ވައްޓައެއް ނުލެވުނެވެ.

ނަތަންޔާހޫގެ ގެއަށް އެ ހަމަލާދިންއިރު، އިސްރާއީލުން ވަނީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން މި މަހުގެ 17 ދުވަހު އިއުލާނުކޮށްފައެވެ. އޭގެކުރިން އިސްރާއީލުން ވަނީ ހިޒްބުﷲގެ ލީޑަރު ޝައިޚް ޙަސަން ނަޞްރުﷲވެސް އަވަހާރަކޮށްލާފައެވެ.

comment ކޮމެންޓް