ރާއްޖެ އައި އިންޑިއާގެ ދެމަފިރިއެއްގެ އަތުން ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ އަތުން އަތުލާފައިވާ މަސްތުވާތަކެތި: އޭގެ އަގު ދެ މިލިއަނަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރޭ --- ފޮޓޯ/ ކަސްޓަމްސް

ރާއްޖެ އައި އިންޑިއާގެ ދެމަފިރިއެއްގެ އަތުން ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ 41 އަހަރުގެ ފިރިހެނަކާއ،ި 38 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވި އެ ދެ ފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި މި ދެފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު ހެރޮއިންއަށް ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 2.05 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ 2.05 މިލިއަން ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެ މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އެ ދެ މީހުންގެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށް ވެސް ވަނީ ތިން ދުވަސް ޖަހައިފައެވެ. ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުންނަށް ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވުމުގެ ސަބަބުންނެވެ.

މިމަހުގެ ހަޔެއްގައި ރާއްޖެ އައި ބޭރު މީހެއްގެ ލަގެޖުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެގޮތުން ބްރެޒިލްއިން އައި 33 އަހަރުގެ އަންހެނެއްގެ ލަގެޖުން ހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފައިވެއެވެ.

comment ކޮމެންޓް