ފިލްމު "ބޫލް ބުލައްޔާ"ގެ ހަތަރު ވަނަ ފިލްމު ވެސް އުފައްދާނެކަން އިއުލާނުކޮށްފި

ޑައިރެކްޓަރު އަނީސް ބަޒްމީ އަދި އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ

އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމު "ބޫލް ބުލައްޔާ 3"އަށްފަހު ހަތަރުވަނަ ފިލްމެއް އުފައްދާނެކަން އިއުލާނުކޮށްފިއެވެ.

މިހާތަނަށް މި ސިލްސިލާގެ ދަށުން އުފެއްދި ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައި ވާއިރު ތިންވަނަ ފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން މި ފިލްމުގެ ހަތަރުވަނަ ބައެއް ނުގެނެސްދޭންވީ ސަބަބެއް ނެތްކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން ވަނީ މީޑިއާގައި ބުނެފައެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު އަނީސް ބަޒްމީ އާއި އެކްޓަރު ކާތިކް އާރްޔަން އަންނަނީ "ބޫލް ބުލައްޔާ 4"ގެ މަސައްކަތް ފެށުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންނެވެ. މި ސިލްސިލާގެ ހަތަރު ވަނަ ފިލްމުގެ ލީޑް ރޯލްއިން އެކްޓަރު ކާތިކް ފެންނާނެކަން ބައެއް ފިލްމީ ޚަބަރުތަކުން ކަށަވަރުކޮށްފައި ވާއިރު ފިލްމަށް ގެންނާނެ އެހެން ކާސްޓުން އަދި ކަނޑަނާޅައެވެ.

ބަތަލާ ވިދިޔާ ބާލަން އަދި ކާތިކް އާރްޔަން ފިލްމު "ބޫލް ބުލައްޔާ 3'ގެ ޕްރޮމޯޝަންއަށް މަޝްހޫރު ޓީވީ ޝޯ ކޭބީސީގައި ބައިވެރިވަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ބޫލް ބުލައްޔާ" ފްރެންޗައިސް އަކީ 2007ވަނަ އަހަރު ޓީ ސީރީސް ފިލްމްސްއިން އުފެއްދި ފިލްމެކެވެ. މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުން އަކްޝޭ ކުމާރު ލީޑް ރޯލްއިން ފެނުނުއިރު ފަހުން ގެނެސްދިން ދެ ފިލްމުގެ ލީޑް އެކްޓަރަކީ ކާތިކް އާރްޔަންއެވެ.

މި ފްރެންޗައިސްގެ ދަށުން އުފެއްދި ދެވަނަ ފިލްމުން ކާތިކްއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ކިއާރް އަދުވާނީއެވެ. އެހެންނަމަވެސް ތިންވަނަ ފިލްމުގައި ބަތަލާގެ ރޯލަށް ހޮވާފައި ވަނީ "އެނިމަލް"ގެ ބަތަލާ ތުރިޕްތީ ދިމްރީއެވެ. މި ދެ ތަރިންގެ އިތުރުން ވިދިޔާ ބާލަން އަދި މަދޫރީ ޑިކްސިޓް "ބޫލް ބުލައްޔާ 3"އިން ފެންނާނެއެވެ.

comment ކޮމެންޓް