އޮކްޓޯބަރު 7ގެ ހަމަލާގެ މޭސްތިރިޔާކަމަށް ބުނާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ކަށަވަރުކޮށްދީފި

ހަމާސްގެ ލީޑަރު ޔަހުޔާ ސިންވާރު. ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސްއިން ވަނީ ކަށަވަރުކޮށްދީފައި. ފޮޓޯ/ޖެޓީ އިމޭޖަސް

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފިއެވެ.

ހަމާސްއިން އެކަން ކަށަވަރުކޮށްދިނީ ޓީވީ މެދުވެރިކޮށް ހަމާސް ޖަމާއަތުގެ ޣައްޒާގެ އިސްވެރިޔާ ޚަލީލް އަލް ހައްޔާއެވެ. ސިންވާރު އަވަހާރަކޮށްލި ނަމަވެސް އެ ޖަމާއަތުން ފަހަތަށް ނުޖެހޭނެ ކަމަށާއި އިތުރަށް ވަރުގަދަ ވާނެ ކަމަށް ހަމާސްއިން ބުނެއެވެ.

އިސްރާއީލުގެ ސަރުކާރާއި އަސްކަރިއްޔާއިން ވެސް ވަނީ ޣައްޒާގައި އިސްރާއީލުން ހިންގި އޮޕަރޭޝަނެއްގައި ސިންވާރު އަވަހާރަކޮށްލާފައިވާކަން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައެވެ.

ސިންވާރުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ޑްރޯން ފުޓޭޖެއް ވެސް އައިޑީއެފުން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި ސިންވާރު ވަރަށް ބޮޑަށް ޒަޚަަމްވެފައި އޮންނަ މަންޒަރު ފެނެއެވެ. އަދި ޑްރޯނާ ދިމާއަށް ބަޑިއެއް އެއްލާ މަންޒަރު ފެނެއެވެ.

ސިންވާރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއިލަށް ދިން ކުއްލި ހަމަލާ ރޭވުމުގެ އެންމެ އިސް މޭސްތިރިޔާ ކަމަށް އިސްރާއިލުން ތުހުމަތުކުރެއެވެ.

ސިންވާރު އަވަހާރަކޮށްލާފައިވާކަން ކަށަވަރުކޮށްދިނުމަށްފަހު، ދެއްވި ވީޑިއޯ ޚިޠާބުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަމާސްގެ ލީޑަރު މަރާލުމަކީ ޣައްޒާއާ ދެކޮޅަށް އޭނާ ކުރާ ހަނގުރާމައިގެ ނިމުމެއް ނޫން ކަމަށާއި، އިސްރާއީލުގެ އަސީރުން އަނބުރާ އަންނަންދެން އޭނާގެ އަސްކަރިއްޔާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުالله އިން ބުނީ އިސްރާއީލު ސިފައިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އާ މަރުހަލާއަކަށް ވަންނަމުންދާ ކަމަށާއި އާ ހަތިޔާރުތައް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު ޣައްޒާއަށް އިސްރާއީލުން ދޭން ފެށި ހަމަލާގައި މިހާތަނަށް 42،438 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 99،246 އަށް ވަނީ އުފުލިފައެވެ.

comment ކޮމެންޓް