ޣައްޒާގެ އުތުރުގެ ބެއިތް ލަހިޔާއަށް އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ އަންހެނުނާއި ކުޑަކުދިން ހިމެނޭހެން ޣައްޒާގެ 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިއްޚަތާ ބެހޭ އިދާރާގެ އިސް އޮފިޝަލު މިދުހަތު އައްބާސް ވިދާޅުވީ, ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޒަޚަމުވެ، ގެއްލިފައިވާ ކަމަށެވެ. އިސްރާއީލުގެ ހަމަލާ އަމާޒުކޮށްފައިވަނީ އެތައް ފަންގިފިލާއަކަށް ނަގާފައިވާ އިމާރާތަކަށެވެ. ނަމަވެސް، ކައިރީގައި އެތައް ގެއެއް ވެސް ވަނީ ހަލާކުވެފައެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވެސް ވަނީ އެ ހަމަލާދިން ކަމަށާއި ޝަހީދުވި މީހުންގެ އަދަދު ކަށަވަރުކޮށްދީފައެވެ. އެ ތަނުން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނަ ކަމަށެވެ.
ނަމަވެސް, އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޝަހީދުވި މީހުންގެ އަދަދާ މެދު ސުވާލު އުފައްދައިފައެވެ. އަސްކަރިއްޔާއިން ބުނީ ބޭނުންކުރި ގޮވާތަކެއްޗާއި ހަމަލާގެ އަމާޒު ކަށަވަރުކޮށްފައިވާ މިންވަރަށް ބަލާއިރު ފަލަސްތީނުގެ އިދާރާތަކުން ބުނާ އަދަދާ މެދު ޝައްކު ކަމަށެވެ.
ފަލަސްތީނުގެ ސިއްޚީ އޮފިޝަލުން ވިދާޅުވީ، މުވާސަލާތީ ޚިދުމަތް އަދި އިންޓަނެޓްގެ ޚިދުމަތްތައް މެދުކަނޑާލުމުން ސަލާމަތީ އޮޕަރޭޝަންތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ.
ޣައްޒާގެ އާންމުން ބުނީ, އިސްރާއީލު ސިފައިން މިހާރު ވަނީ ޖަބަލިޔާ ކޭމްޕް ވަށާލާފައިކަމަށެވެ. އަދި, ކައިރީގައި އޮންނަ ބެއިތް ހަނޫނާއި ބެއިތް ލަހިއްޔާއަށް ވެސް ޓޭންކްތައް ފޮނުވައި، އެ ތަންތަން ހުސްކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ނަސްލު ނައްތާލުމުގެ މަގްސަދުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 42،519 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 99،637 އަށް ވަނީ އުފުލިފައެވެ.