ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން "ފަހި ފުރުސަތު" ގެ ނަމުގައި ކުރިއަށް ގެންދާ ޖޮބް ފެސްޓިވަލް އަންނަ މަހު ބޭއްވުމަށް އެ ޔުނިވާސިޓީން ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މި ފެސްޓިވަލް ކުރިއަށް ގެންދާނީ އަންނަ މަހުގެ 14ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00ގެ ނިޔަލަށް އެމްއެންޔޫގެ އިދާރީ މަރުކަޒާއި ކެންޕަސްތަކުގައި ކަމަށެވެ.
އެގޮތުން، މި ފެސްޓިވަލްއަކީ އެ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މި ފެސްޓިވަލްއަކީ ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ހަރަކާތެއް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
މި ޖޮބް ފެސްޓިވަލްގެ ބޭއްވުމުގެ މަގްސަދުތަކަކީ:
- މާލޭއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު މަސައްކަތުގެ ތަޖްރިބާ ލިބޭ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ މަގު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުން
- އާންމުންނާ ހިސާބަށް އެހާ ބޮޑަށް ފޯރުކޮށް ނުދެވިހުރި އެކި ކަހަލަ ފުރުޞަތުތަކާއި ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން
- ރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން
- ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ފަހިކޮށްދިނުން
އެމްއެންޔޫއިން ބުނީ، އެ ފެސްޓިވަލްގައި ބައިވަރިވާން ބޭނުންވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކަށް އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 23:59ގެ ކުރިން ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެމްއެންޔޫއިން މިދިޔަ މެއި މަހު ވެސް ޖޮބް ފެސްޓިވަލެއް ބާއްވާފައިވާއިރު، ސަރުކާރު ކުންފުނިތައް ހިމެނޭ ގޮތަށް 40 ފަރާތުން ބައިވެރިވެފައިވެއެވެ.