އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދޭން ވިސްނައިގެން ވެސް ނުވާނެ ކަމަށް ބުނެ، ރަޝިޔާއިން އިސްރާއީލަށް އިންޒާރު ދީފިއެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއަށް ފަހު، އިސްރާއީލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީފާނެކަމުގެ ޝައްކުތައް ވަނީ އުފެދިފައެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް އިންޒާރު ދީފައި އަދި އިންޒާރު ދެމުން މިދަނީ، އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށާއި ނިއުކްލިއާ އިންފްރާސްޓްރަކްޗާއަށް ހަމަލާއެއް ދިނުމަށް ވިސްނައިގެން ނުވާނެ ކަމަށް،" ރަޝިއާގެ ޚާރިޖީ ވުޒާރާގެ ނާއިބު ސާގިއާ ރިޔަބްކޯވްއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާ ޓާސްއިން ބުނެފައިވެއެވެ.
ރަޝިއާއިން އިސްރާއީލަށް އެފަދަ މެސެޖެއް ފޯރުކޮށްދިނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.
އިސްރާއީލާއި ހުޅަނގުގެ ގައުމުތަކުން ޒަމާނުއްސުރެ ބިރުގަންނަ އެއް ކަމަކީ އީރާނުން ނިއުކްލިއާ ބޮމެއް އުފައްދާ ކަމަށް ބުނެއެވެ. ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ އަޑު އިސްރާއީލުން އަހާނެ ކަމަށާއި ނަމަވެސް ނިންމުންތައް ނިންމާނީ އަމިއްލައަށް ކަމަށެވެ. އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް އެދިފައި ކަމަށް ވެސް މީޑިއާތަކުން ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
ނަތަންޔާހޫގެ އޮފީހުން އެގޮތަށް ބުނީ، ވޮޝިންޓަން ޕޯސްޓުގެ ލިޔުމަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި އީރާނުގެ ތެލާއި ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދިނުމުގެ ބަދަލުގައި އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަރިހުގައި ވިދާޅުވެފައެވެ.
ރަޝިއާއާއި އިރާނާއި ދެމެދު މެދު ކެނޑުމެއްނެތި ގުޅުން އޮންނަ ކަމަށް ވެސް ރިޔަބްކޯވްއާ ހަވާލާދީ ޓާސްއިން ބުނެފައިވެއެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އީރާނާއި ރަޝިއާއާއި ގުޅުން ބަދަހިކޮށް، ބޮޑު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރަޝިޔާއިން ބުނެއެވެ.