ސިންވާރު އަވަހާރަކޮށްލެވުނަސް ހަނގުރާމަ ނުހުއްޓާނަން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ: ހަމާސްގެ ލީޑަރު ސިންވާރު އަވަހާރަކޮށްލިޔަސް ހަނގުރާމަ ނުހުއްާޓާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައި -- ފޮޓޯ/އޭޕީ

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އާ ލީޑަރު ޔަހުޔާ ސިންވާރު އަވާހަކޮށްލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ ފުރުސަތު ލިބުނު ކަމުގައިވިޔަސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން އެނބުރި ގައުމަށް އަންނަންދެން ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ސިންވާރް އަވަހާރަކޮށްލުމާ ގުޅިގެން ނަތަންޔާހޫ ވިދާޅުވީ، ޣައްޒާއާއި ލުބުނާންގެ ބެއިރޫތާއި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ނާންނަ ކަމަށެވެ.

"ސިންވާރް އަވަހާރަކޮށްލިޔަސް، މިޝަން ނުނިމޭ. ރަހީނުކުރި މީހުން ސަލާމަތް ކުރަންޖެހޭ،" މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ގުޅިގެން އެ ކަމަށް އިޝާރާތްކޮށް ނަތަންޔާހޫ ވިދާޅުވިއެވެ.

އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ 250 އަށްވުރެ ގިނަ މީހުންގެ ތެރެއިން 100 އާ ގާތް ކުރާ އަދަދެއްގެ މީހުން އެއްބަސްވުމެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލިއެވެ. އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން ބައެއް އަސީރުން ޣައްޒާގައި މަރުވެފައިވެއެވެ. އިސްރާއީލުން ލަފާކުރާ ގޮތުގައި ޣައްޒާގެ އެކި ހިސާބުތަކުގައި އަދިވެސް 100 ވަރަކަށް އަސީރުން ސަލާމަތުން ތިބުން ގާތެވެ.

ސިންވާރު އަވަހާރަކޮށްލާފައިވަނީ ޣައްޒާގެ ދެކުނުގެ ރަފަހް ސިޓީއަށް އަމާޒުކޮށް، އެއްގަމުގެ މަގުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލުގެ މީޑިއާތަކާ ވާހަކަދެއްކި ސަލާމަތީ ބައެއް އޮފިޝަލުން ބުނީ، އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ހަށިތަކުގެ ޑީއެންއޭ ޓެސްޓް ހަދަން އިސްރާއީލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ސިންވާރު ހިމެނޭ ކަމަށް އައިޑީއެފްއަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

comment ކޮމެންޓް