މުޅި ރާއްޖެއަށް އުދަ އަރާނެކަމަށް ލަފާކޮށް ހުދު ސަމާލު

މާލޭ ކާނިވާ ސަރަހައްދަށް އުދައަރާފައި: މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 00:30އިން ފެށިގެން ފަތިހު 04:30 އަށެވެ.

"ސަން" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭކަމަށާއި ނަމަވެސް އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަނޑުގެ ރާޅުތަށް ތިން ފޫޓާއި ހަ ފޫޓުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައިޖެހޭނީ ހުޅަނގު އުތުރާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލުގެ ބާރުމިނަށް ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ މޫސުމީ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް