މާލެއާއި ހުޅުމާލެ ގުޅުވާލާ ފެނުގެ ނިޒާމުގެ މަސައްކަތްތައް މި އަހަރު ނިންމައި ބޭނުންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ، މިދިޔަ ފަސް އަހަރު ތެރޭ އެ ފެން ހޮޅި އެޅި ނަމަވެސް އެ މަސައްކަތްތައް އިތުރަށް ކުރިއަށްގެންގޮސްފައިނުވާ ކަމަށެވެ. އެގޮތުން އެ ފެން ހޮޅި އޮތީ އެއްވެސް ދިމާލަކުން ގުޅިފައި ނުވަތަ ފެން ދައުރު ކުރާ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ މި ސަރުކާރުން ހަވާލުވުމަށް ފަހު އެ މިނިސްޓްރީން ކުރަން ފެށި އެއް ކަަމަކީ ހޮޅީގެ ދޮކެޅުން މާލެއާއި ހުޅުމާލޭގައި ހުންނަ ޕަމްޕް ސްޓޭޝަންތައް ގުޅުވާލުން ކަމަށެވެ.
އެހެންވީމާ މި ކަންތައް އަޅުގަނޑުމެން މި ކުރަނީ އިރާދަކުރެއްވިއްޔާ މަސައްކަތްތައް ކުރަމުންދާ ގޮތުން ދަންނަވާ ކަމަށްވަންޏާ ޕަމްޕް ސްޓޭޝަން ހަދައި، މި ހޮޅި ނިންމާލައި އެކްޓިވް ކުރެވޭނެ މި އަހަރު ނިމޭއިރު
މީގެއިތުރުން، އެ މަސައްކަތް ނިމުމުން މާލޭގެ ފެނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވާނެކަން ތޯރިގް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މާލެއަށް ފެން ބޭނުންވާ ދަނޑިވަޅެއްގައި ހުޅުމާލޭން މާލެއަށް ފެން ޕަމްޕު ކުރެވޭނެ ކަމަށާއި ހުޅުމާލެއިން ބޭނުންވާ ހާލަތެއްގައި މާލެއިން ޕަމްޕް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ނިޒާމުގެ ފެން ހޮޅިއާއި ފައިބާ އޮޕްޓިކް ކޭބަލް އެޅުމުގެ މަސައްކަތް އެމްޑަބުލިއުއެސްސީން ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން ފެށީ ޖުލައި ހަތެއް، 2018ގައެވެ.
ފެން ހޮޅި އެޅުމުގެ މަސައްކަތަށް ޖުމްލަ 1.6 މިލިއަން ޑޮލަރު (25 މިލިއަން ދިވެހި ރުފިޔާ) ޚަރަދުވާނެ ކަމަށް އޭރު އެމްޑަބުލިއުއެސްސީން ބުނެފައިވެއެވެ.