މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅާލަން ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޑަބުލިއުއެސްސީން ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެމަސައްކަތުގެ ތެރޭގައި ފެން ހޮޅިއާއި ފައިބާ އޮޕްޓިކް ކޭބަލެއް އެޅުން ހިމެނެއެވެ.
އެމްޑަބުލިއުއެސްސީން ބުނީ ހޮޅިވަޅުލައި މާލެ އަދި ހުޅުމާލޭ ފެނުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ދާނީ ބުރިޖްގެ ކޮންސްޓްރަކްޝަން މަސައްކަތާއި އެއްކޮށް ކަމަށާއި ސެޕްޓެމްބަރުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމާ ލެވޭނެ ކަމަށެވެ. ބްރިޖް ހުޅުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ލަފާ ކުރަނީ ފެށޭ މަހުގެ ފަހު ކޮޅުއެވެ.
މާލެ ހުޅުމާލެ ބްރިޖަށް ދާ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ
ފެން ހޮޅި އެޅުމުގެ މަސައްކަތަށް ޖުމްލަ 1.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ހަރަދުވާނެ ކަމަށް އެމްޑަބުލިއުއެސްސީން ބުންޏެވެ.
ބްރިޖު މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ކަރަންޓާއި ފެނުގެ ނިޒާމާއި އަދިވެސް އިތުރު ނެޓްވޯކްތަކެއް ގުޅާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން، ބްރިޖު މެދުވެރިކޮށް އަޅަން ހަމަޖެހިފައިވާ ފެން ހޮޅި ލައިނަކީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް އެމްޑަބުލިއުއެސްސީން ބުނެ އެވެ.
މާލެ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ އެކުންފުނީގެ މައި ފެން ޕްލާންޓު ފެސިލިޓީގެ އިތުރުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ފެން ޕުލާންޓް ގާއިމް ކޮށްފައެވެ.

މާލެ ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލަން ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ އެމްޑަބުލިއެސްސީ
އެގޮތުން ބޮޑުތަކުރުފާނު މަގުގައި މިދިޔަ އަހަރު ގާއިމްކުރި 5000 ކޮޑިމީޓަރުގެ ފެން ޕްލާންޓާއި މިމަހުގެ ތެރޭގައި ހަވީރީ ހިނގުމުގައި ގާއިމްކުރި 2000 ކޮޑިމީޓަރުގެ ފެން ޕުލާންޓުގެ ސަބަބުން މާލޭގެ ފެން އުފެއްދުމުގެ ކެޕޭސިޓީ ވަނީ 27،000 އަށް އިތުރު ކޮށްފައެވެ.