ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒުތައް 75 ރަށެއްގައި ގާއިމުކުރުމާއި އަޕްގްރޭޑު ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހަވާލުކުރީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނާއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ވާނީ މިދިޔަ ހަފުތާގެ ތެރޭގައި 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައިކަމަށެވެ.
އަދި މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އިއްޔެ ހަވާލުކުރެވުނު 75 ރަށާއިއެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ޤާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހަވާލުކުރެވިފައިވާނެކަމަށެވެ.

ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް 75 ރަށެއްގައި ގާއިމުކުރަނީ: ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓާ ތޯރިގް އިބްރާޙީމް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހް ކޮންޓްރެކްތަކުގައި ސޮއިކުރައްވަނީއެވެ.----ޕޮޓޯ/ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓްރީން
މި 109 ރަށުގެ އިތުރުން އެހެން ރަށްތަކުގައި ވާނީ އެ މިނިސްޓްރީން ޤަބޫލުކުރާ މިންގަނޑަށް އެ ފަދަ އިންފްރާސްޓްތަކްޗާތައް ޤާއިމްކުރެވިފައިކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނުވަތަ އެ ރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެމަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށްކަމަށާއި، ޕްރޮކިއުމަންޓް މަރުޙަލާގައި ހުރި ރަށްތައްކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ، ރޭވިފައިވާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މި އަހަރު ފަހު ކުއާޓާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މަނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ.
މީގެ އިތުރުން ކުުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކުއިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް މިހާރު ފޯރުކޮށްދެވިފައިނުވާ ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ރަށަކާއި އެކަށޭނަ ކުނި މެނޭޖްކުރާނޭ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ.