ރޯދަމަހު ކެފޭތައް މެންދަމު ތިނެއް ޖަހަންދެއް، ފިހާރަތައް ދަންވަރު އެކެއް ޖަހަންދެން ހުޅުވޭނެ

ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަމަހު ކެއިންބުއިމުގެ ޚިދުމަތްދޭ ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނީ، ހަވީރު 05:30އިން މެންދަމު 03:00އާ ހަމައަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިއުލާނުކޮށްފައެވެ.

އެގޮތުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30އިން މެންދަމު 3:00އާ ދެމެދު ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ދުވަސްތަކާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30އިން މެންދަމު 1:00އަށް ކަމަށް މި އިއުލާނުގައި ވެއެވެ.

އެހެންކަމުން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތަތްކުންނާއި މުދާ ވިއްކާ ތަންތަނުން މިފަދައިން އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.

comment ކޮމެންޓް