ފަގީރުކަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: ޚަލީލް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: ވިދާޅުވީ ފަގީރުކަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް -- ފޮޓޯ/ ހެލްތް މިނިސްޓްރީ

މުޖުތަމައުއިން ފަގީރުކަން ނައްތާލުމަށް އެކަމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާ ކުރިމަތިލައި، އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 17ވަނަ ދުވަހަކީ ދުނިޔޭގެ ފަގީރުކަން ނައްތާލާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ، ފަގީރުކަން ނައްތާލާ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، އެކަމަށްޓަކައި ހުރި ނިޒާމީ ހުރަސްތަކާއި ތަފާތުކުރުންތައް ނައްތާލުމަށް އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާގެ ހަނދާން އާކޮށްދިނުން ކަމަށެވެ.

އަދި މުޖުތަމައުތައް ނިކަމެތިކޮށްލާ އަސްލު ސަބަބުތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވަނީ ކޮންމެ މީހަކަށްވެސް ކުރިއެރުމުގެ ފުރުސަތު ލިބޭގޮތަށް މުޖުތަމައު ކުރިއެރުވުމަށް އަޒުމް ކަނޑައަޅަން ނަސޭހަތްތެރިވެފައެވެ. އޭރުން އެންމެން ގުޅިގެން އަދުލުއިންސާފާއި، ސުލްހަ މަސަލަސްކަން އޮތް، އެންމެންގެ އަގު ވަޒަންކުރާ މުޖުތަމައެއް ބިނާކުރެވޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ފަގީރުކަން ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1987ވަނަ އަހަރުއެވެ.

އެގޮތުން މިއަހަރު ދުނިޔޭގެ ފަގީރުކަން ނައްތާލާ ދުވަހުގެ ޝިއާރަކީ "ބްރޭކިން ބެރިއާސް އެންޑް ބިލްޑިން ބްރިޖްސް: ޓުގެދާ ޓުވާޑްސް އިކުއަލިޓީ އެންޑް އިންކްލޫޝަން" އެވެ.

comment ކޮމެންޓް