ޔޫޕީއާރުގެ 48ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

ޔޫޕީއާރުގެ 48ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ސްވިޒަލޭންޑުގެ ޖެނީވާގައި އޮތް ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ 48 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ޖެނީވާގެ ޕެލޭ ޑި ނޭޝަންސްގައި މިއަދު ފެށި ޔޫޕީއާރު 48 ސެޝަންގައި ރާއްޖޭގެ ވަފުދެއް ވަނީ ބައިވެރިވެފައެވެ.

އެ ވަފުދުގައި އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި ކައުންސެލާ އާދަމް ހާމިދާއި، ކައުންސެލާ އާމިނަތު ޝިފާޔާ އިބްރާހީމްއާއި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ވެސް ވަފުދުގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަން މިމަހުގެ 31 ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

ޔޫޕީއާރްގެ މި ސެޝްނަގައި ރިވިއުކުރާ 14 ގައުމަކީ، އެންގޯލާ، ބޮލީވިއާ، ބޮސްނިއާ އެންޑް ހާޒެގޮވީނާ، މިސްރު، އެލް ސަލްވަޑޯ، ފީޖީ، ދަ ގެމްބިއާ، އީރާން، އިރާގު، އިޓަލީ، ކަޒަކްސްތާން، މެޑަގަސްކާ، ސެން މެރީނޯ އަދި ސްލޮވީނިއާ އެވެ.

ޔޫޕީއާރުގެ 48ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޔޫޕީއާރަކީ އދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މުޅި ހާލަތަށް ރިއާޔަތްކޮށް އެ ގައުމަކުން އިންސާނީ ހައްގުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.

އިންސާނީ ހައްގުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި މެމްބަރު ގައުމުތަކުން ހޯދާފައިވާ ކުރިއެރުން އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ޔޫޕީއާރު މެދުވެރިކޮށް ލިބެއެވެ.

ޔޫޕީއާރުގެ ނިޒާމު ގާއިމުކޮށްފައި ވަނީ އިންސާނީ ޙައްގުތަކާ ގުޅޭ އިލްތިޒާމުތައް އުފުލުމުގައި މެމްބަރު ގައުމުތަކުން އިތުރަށް ރަނގަޅުކުރަން ފެންނަ ކަންކަން ހުށަހަޅައި، އެގައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކުރެވޭނެ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ފަހަރުގެ ޔޫޕީއާރު ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާހަތަކެއް ހުށަހަޅާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް