މެޑިކަލް ސްޕެޝެލައިޒޭޝަން ހިމެނޭ ގޮތަށް، ނޯޓިލަސް ފައުންޑޭޝަނުން ސްކޮލަޝިޕް ފުރުސަތުތަކެއް

ނޯޓިލަސް ފައުންޑޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ފައުންޑޭޝަނުން ވަނީ ސްކޮލަޝިޕްތަކެއްގެ ފުރުސަތު ހުޅުވާލާފައި -- ސަން ފޮޓޯ/ އިސްމާއީލް އަބްދުލްޣަފޫރު

މި ވަގުތު ރާއްޖެއިން މީހުން ބިނާ ކުރުމަށް އެންމެ މުހިންމު ކަމަށް ފެންނަ ދާއިރާތަކުން ސްކޮލަޝިޕްތަކެއްގެ ފުރުސަތު ނޯޓިލަސް ފައުންޑޭޝަނުން ހުޅުވާލައިފިއެވެ.

މި ކަމާ ގުޅިގެން ނޯޓިލަސް ފައުންޑޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފައުންޑޭޝަނުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޚަލީލް ވިދާޅުވީ މި ސްކޮލަޝިޕްތަކަކީ ފުލީ ސްޕޮންސާޑް ސްކޮލަޝިޕްތަކެއް ކަމަށެވެ.

މި ސްކޮލަޝިޕްތައް ހަތަރު ކެޓަގަރީއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • މެޑިކަލް ސްޕެޝަލައިޒޭޝަން
  • ކޮމާޝަލް ކުކަރީ ސެޓްފިކެޓް ލެވެލް 3
  • މާސް ކޮމިއުނިކޭޝަން އެންޑަ ގްރެޖުއޭޓް ޑިގްރީ
  • އެއާކްރާފްޓް އިންޖިނިއަރިން މެއިންޓެނެންސް ޕްރޮގްރާމް

ޚަލީލް ވިދާޅުވި ގޮތުގައި މި އަހަރު ވެސް އެ ފައުންޑޭޝަނުން ސްކޮލަޝިޕްގެ ފުރުސަތު ދެނީ ހަ ދަރިވަރަކަށެވެ. އެ ފައުންޑޭޝަނުން އަބަދު ވެސް ބަލަނީ އެ ވަގުތަކަށް އެންމެ ބޭނުންޖެހިފައި އޮންނަ ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ކަމަށާއި، މިހާރު ވެސް 12 ދަރިވަރަކު އެ ފައުންޑޭޝަންގެ ސްކޮލަޝިޕުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން އެ ފައުންޑޭޝަނުން ގާތުން ބަލަމުންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެ ސްކޮލަޝިޕްތައް ނިންމުމަށް ފަހު ކޮންމެ ދަރިވަރަކު ވެސް ރާއްޖޭގައި މަދުވެގެން ތިން އަހަރު ވަޒީފާ އަދާ ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން ޖެހޭ ގޮތަށް ހަދައިފައި ވަނީ، މުހިންމު ދާއިރާތަކުން ބިނާކުރާ މީހުންގެ ފަރާތުން ދިވެހި މުޖުތަމައަށް ހެޔޮ ލިބޭނެ ގޮތް ހެދުމަށެވެ.

ނޯޓިލަސް ފައުންޑޭޝަނުގެ ވެބްސައިޓް މެދުވެރިކޮށް އެ ސްކޮލަޝިޕްތަކަށް އެދި ހުށަހެޅޭނެއެވެ. ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30ވަނަ ދުވަހެވެ.

ނޯޓިލަސް ފައުންޑޭޝަނަކީ ޓޫރިޒަމް ދާއިރާގެ ޚިދުމަތްތެރިއެއް ކަމަށްވާ އަލްމަރްހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

އެއީ ޕަލްސް ހޮޓެލްސް އެންޑް ރިޒޯޓްސް، މަންތާ އެއާ، ދ. އެއާޕޯޓު، އީގަލް މެެރައިން، ރިއޮލޯ ގްރޫޕްގެ އިތުރުން އެމްއޭޑަބްލިއުސީއާއި އެ ކުންފުނިތަކުގެ ހިއްސާދާރުން ގުޅިގެން ކުރިޔަށް ގެންދާ ޗެރިޓެބްލް ފައުންޑޭޝަނެކެވެ.

comment ކޮމެންޓް