ގިނަ ދާއިރާތަކުން މި ހަފުތާގައި ޒަކާތު ފަންޑުގެ ސްކޮލަޝިޕްތަކެއް އިއުލާނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، އިއުލާނުކުރާ ސްކޮލަޝިޕްތަކުގެ ތެރޭގައި އިސްލާމީ އިލްމުގެ ތަފާތު ދާއިރާތަކުން މާސްޓާސްއާއި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކެއް ހިމެނޭނެ ކަމަށެވެ. ނަމަވަސް، ހުޅުވާލާނީ ކިހާ އަދަދެއްގެ ސްކޮލަޝިޕްތަކެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
ސްކޮލަޝިޕްގެ އިތުރަށް މިނިސްޓަރު ވަނީ، ޒަކާތު ފަންޑުގެ ފީސަބީލިﷲ ބައިން ހުޅުވާލާ އިތުރު ފުރުސަތުތަކެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ. މިގޮތުން، މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް އިއުލާނުކުރުމަށް ނިންމާފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި، މެޑިސިންގެ ދާއިރާއިން ސުޕާ ސްޕެޝަލިސްޓުން ނެތް މުހިންމު ދާއިރާތަކަށް ވެސް ޒަކާތު ފަންޑުން އެހީދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއް. މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދު ކުރެވޭނެއިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އެއާއެކު، މިނިސްޓަރު ވިދާޅުވީ، މިކަންކަމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށެވެ. މި ސަރުކާރުން ވަނީ ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް, ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދާފައެވެ.
މި ކަންކަމުގެ އިތުރުން ޒަކާތު ފަންޑަށް ލިބޭ ފައިސާއިން އަންނަނީ ބޭސް ފަރުވާއަށް ވެސް ބޮޑެތި އެހީތައް ދެމުންނެވެ. އޭގެ ތެރޭގައި ކިޑްނީ ޓްރާންސް ޕްލާންޓާއި ބޯންމެރޯ ހެދުމަށާއި ކެންސަރު ފަދަ ބޮޑެތި ފަދަ ބަލިތަކަށް ބޭސްކޮށްދިނުން ހިމެނެއެވެ.
މި އަހަރު ޒަކާތުގެ ގޮތުގައި 13.3 މިލިއަން ރުފިޔާ ލިބުނެވެ. އެއީ، އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށްވާއިރު، ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ 2،765 މީހުންނަށް ފިތުރު ޒަަކާތުގެ ގޮތުގައި ބޮލަކަށް 4،500 ރުފިޔާ ވަނީ ބަހައިފައެވެ.
މިނިސްޓަރު ޝަހީމް މީގެ ކުރިން ވަނީ ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އިތުރުވީ ހަރުދަނާ ނިޒާމެއް ގާއިމުކުރެވުމުން ކަމަށް ވިދާޅުވެފައެވެ. މީހުން ޒަކާތާ މެދު ހޭލުންތެރިކުރުވަން ވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.