ދައުލަތުގެ ބީލަމެއްގައި މަކަރު ހަދައިފިނަމަ ބީލަންވެރިންނާއި ސަޕްލަޔަރުންގެ އިތުރުން ކޮންޓްރެކްޓަރުން ބީލަމުގެ 2.5 އިންސައްތައިން ޖޫރިމަނާކޮށް، ފަސް އަހަރަށް ސަސްޕެންޑު ކުރެވޭ އުސޫލެއް ހަދައި، އެ އަށް އަމަލު ކުރަން ފަށައިފިއެވެ.
"ދައުލަތުގެ ބީލަމެއްގައި ބައިވެރިވާ ބީލަންވެރިންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ބީލަމެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ވަނީ މިހާރު ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ބީލަންވެރިންނާއި ސަޕްލަޔަރުންގެ އިތުރުން ކޮންޓްރެކްޓަރުން ޖޫރިމަނާ ކުރެވޭ 16 ހާލަތެއް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:
- ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ދޮގު ލިޔުންތައް ހުށަހަޅައި އެފަދަ މައުލޫމާތުދީ މައުލޫމާތު ފޮރުވުން
- ބީލަމުގައި ބައިވެރިވުމަށް އެހެން ފަރާތްތަކަށް ހުރަސް އެޅުމާއި، އެހެން ފަރާތްތަކަށް ބީލަން ލިބޭ ގޮތަށް މަގުފަހިކުރަން މަސައްކަތް ކުރުން
- ބީލަމުގައި އަމަލުކުރަން ޖެހޭ ގޮތް ނޫން ގޮތްގޮތަށް އަމަލުކުރުން
- ބީލަމުގެ އަގަށް ނުފޫޒު ފޯރުވުމާއި މައުލޫމާތުގެ ސިއްރުކަން ގެއްލޭ ފަދަ އަމަލެއް ހިންގުން
- ވަކި ފަރާތަކަށް ނަހަމަ ފައިދާ ލިބޭގޮތަށް ރާވައިގެން ބީލަން ހުށަހެޅުމާއި، އެ ފަދަ އެއްބަސްވުމެއްގައި ބައިވެރިވުން
މި އުސޫލުގެ ދަށުން އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ހުށަހެޅޭ މައްސަލައަކީ ރައްދުވާ ފަރާތާ ދެކޮޅަށް ހުށަހެޅޭ ފުރަތަމަ މައްސަލަ ކަމުގައިވާ ނަމަ، މައްސަލައިގައި ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި، ބީލަމުގެ ޖުމްލަ އަގުގެ 2.5 އިންސައްތައިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބެއެވެ.
އެ ފަދަ ޖޫރިމަނާއެއް ކޮށްފިނަމަ، ދެން ދައުލަތުން ހުޅުވައިލާ ބީލަމެއްގައި ދެން ބައިވެރިވެވޭނީ އެ ޖޫރިމަނާއެއް ދައްކައި ޚަލާސްކުރުމަށް ފަހުގައެވެ.
މީގެ އިތުރުން ބީލަމުން ސަސްޕެންޑު ކުރެވޭ މައްސަލަތަކުގައި، މައްސަލަ ރައްދުވާ ފަރާތުން އެއްވެސް ސެކިއުރިޓީއެއް ނަގާފައިވާނަމަ، އެ ފައިސާ ހިފަހައްޓައި ސަސްޕެންޑު ކުރެވޭނެއެވެ. މި އުސޫލުގެ ދަށުން ސަސްޕެންޑު ކުރެވޭނީ:
- ފުރަތަމަ ފަހަރު - ތިން މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދަށް
- ދެވަނަ ފަހަރު - ސަސްޕެންޝަން ނިމޭތާ ތިން އަހަރުގެ ތެރޭގައި އަނެއްކާ ސަސްޕެންޑުކޮށްފި ނަމަ، ދެ އަހަރާއި ތިން އަހަރާ ދެމެދަށް
- އިތުރަށް ކޮށްފި ނަމަ - ފަސް އަހަރަށް
މި އުސޫލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވަނީ، ފިޔަވަޅު އެޅުމަށްވުރެ ބޮޑަށް ފިޔަވަޅު އެޅޭނެފަދަ އަމަލުތައް ކުރުމުން ދުރުކުރުމަށް ބާރު އެޅުމެވެ.
މި އުސޫލު ދިވެހި ގެޒެޓުގައި ޝާއިއު ކުރުމާއެކު އެއަށް ވަނީ އަމަލު ކުރަން ފަށައިފިއެވެ.