މޫސުމީ ހިރާސްތަކުން އަރައިގަތުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޣައްސާން

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލިތަކުން އަރަގައިގަންނަން މަސައްކަތް ކުރަންޖެހޭނީ ގައުމުތަކުން ގުޅިގެން ކަމަށް --

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފިލިޕީންސްގެ މެނީލާގައު ކުރިޔަށްދާ ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިޔާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގަވަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ބޮޑެތި ނުރައްކާތަކެއްކަން ފާހަގަ ކުރައްވައިފައެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް، އެއްވެސް ގައުމެއް ބާކީނުކޮށް، އެންމެން އެކުގައި މަސައްކަތްކޮށް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަކީ އެންމެންގެ ވެސް ޒިންމާއެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ކުރާ އަސަރު ކުޑަ ކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ. މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވައިފައެވެ.

އެ ގޮތުން ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ފަސް އަހަރުގެ ގައުމީ ޕްލޭނެއް އަންނަ މަހުން ފެށިގެން ތަސްދީގުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މި ސަރުކާރުން މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ހާމަވާ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އދ. ގެ "އާލީ ވޯނިން ފޯ އޯލް" އިނީޝިއޭޓިވްގައި ބައިވެރިވެރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ކެމްޕޭނުގެ މަގުސަދުތައް ހާސިލް ކުރުމަށް ރޯޑު މެޕެއް އެކުލަވާލައި، އެ ތަންފީޒުކުރަން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުތަކުން ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް އިންވެސްޓްމަންޓްތަކެއް ކޮށްފައިވީ ނަމަވެސް، މޫސުމީ މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި، އެ ކަމަށް ހޭނުމަކީ އަދި ވެސް އޮތް ގޮންޖެހުމެކެވެ.

comment ކޮމެންޓް