އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދިފާއީ ރޮގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި އިންޑިއާގެ ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން މަޝްވަރާ ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި މަޝްވަރާ ކުރެއްވީ، ހައިކޮމިޝަނަރު މިނިސްޓަރު ޣައްސާންގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރާތުގެ ތެރެއިން ކަމަށެވެ.
މި މަހުގެ އަށްވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ޣައްސާންވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

އިންޑިއާގެ ހައިކޮމިޝަނަރު, ޑިފެންސް މިނިސްޓަރު ޣައްސާނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ
އެ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންހްއާ އެކު ބޭއްވެވި މަޝްވަރާތަކުގައި އެމްއެންޑީއެފް އިތުރަށް ހަރުދަނާކުރަން ބޭނުންވާ އާލަތްތައް ފޯރުކޮށްދޭން ވެސް ވަނީ ހަމަޖެހިފައެވެ.
ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ މިނިސްޓަރު ރަޖްނަތު ވަނީ ރާއްޖެއަކީ އިންޑިއާގެ 'ނެއިބާހުޑް ފަސްޓް' ޕޮލިސީގެ ދަށުން ޚާއްސަ މަގާމެއް ދީފައިވާ ގައުމެއްކަން ފާހަގަކުރައްވައިފައެވެ. ދިވެހީން ބޭނުންވާ ކަންކަމުގައި އިންޑިއާއިން އަބަދު ވެސް އެހީތެރިވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފައެވެ.