ފެނަކަ ކޯޕަރޭޝަންގެ މަސައްކަތެއް، އާއިލީ މަސްލަހަތު އޮތް ބަޔަކަށް ދީ ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މުވައްޒަފަކަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްދޭން އޭސީސީން އެދިފައިވަނީ ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު، އެ ރަށު، ތަރިވިދާގޭ ނަސްރުﷲ އަބްދުﷲގެ މައްޗަށެވެ.
އޭސީސީން ބުނީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ، 2019 ވަނަ އަހަރު މަތިމަރަދޫ ބްރާންޗު ހިންގުމާ އޭނާ ހަވާލުވެހުރި ދުވަސްވަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެއްގައި ކަމަށެވެ.
މި މައްސަލައިގައި ނަސްރުﷲގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 29ގައެވެ.
އޭސީސީން ބުނި ގޮތުގައި 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ.ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ، ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަސްރުﷲގެ ޢާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.
މި މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދާ ޚިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި ކަމަށް އޭސީސީން ބުނެއެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، މަސައްކަތް ފުރިހަމަ ކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައި އޮތް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.