އާސަންދައިގެ ބަޖެޓު ހުސްވެ، ޚަރަދު 2.5 ބިލިއަން ރުފިޔާއަށް އަރައިފި

އާސަންދަ ކައުންޓަރު: އާސަންދައިގެ ބަޖެޓު ހުސްވެ، ޚަރަދު 2.5 ބިލިއަން ރުފިޔާއަށް އަރައިފި -- ފޮޓޯ: އާސަންދަ

އާސަންދައަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓު ހުސްވެ، ޚަރަދުތައް ދެ ބިލިއަން ރުފިޔާއަށް އަރައިފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިއަދު އެ ކުންފުނިން އާންމުކުރި ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެއާއެކު އަހަރުގެ މިހާތަނަށް އާސަންދައިން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ޚަރަދުކޮށްފައިވަނީ 833 މިލިއަން ރުފިޔާއެވެ. މިއަހަރު އެ ކުއާޓަރުގައި 903 މިލިއަން ޚަރަދުކުރިއިރު މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 8.4 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ފަރުވާ ހޯދި މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 278،255 މީހުން އެ ސްކީމުގެ ދަށުން ފަރުވާ ހޯދާފައިވާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 280،491 އަށް އިތުރުވެފައެވެ.

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ނަމަވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ، ކުރީ ކުއާޓަރާ އަޅައިބަލާއިރު ދަށްވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި 2،807 މީހުން ބޭރަށް ގޮސްފައިވާއިރު، މި ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން ބޭރުން ފަރުވާ ހޯދައިފައިވަނީ 2،370 މީހުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާސަންދައިން ދެވަނަ ކުއާޓަރުގައި 1،226 ފަހަރަށް އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވެއެވެ.

މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.

ޚަރަދު ކުޑަކުރަން މި އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެންމެ ބޮޑު ހޭދައެއް އާސަންދައަށް ކުރީ މިދިޔަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 އިންސައްތަ އިތުރުވެފައެވެ.

އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށްކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.

އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ބޮޑުކަމުގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައެވެ. ސަރުކާރުން ވަނީ ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން އަގުހެޔޮކޮށް މޮޅު ބޭސް ގެންނަން ވެސް ފަށައިފައެވެ.

ހަމައެއާއެކު އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދިރާސާއިން މި ފަހުން ވަނީ ދައްކާފައެވެ.

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމް ހިންގުމަށްޓަކައި، އެ ސްކީމްގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމާއި، ރާއްޖެއަށް އެންމެ އެކަށޭނެ ހައްލަކީ ކޮބައިކަން ދެނެގަތުމަށް ޚާއްސަ ދިރާސާތަކެއްކުރަން އޭސީސީން ވަނީ ލަފާ ވެސް ދީފައެވެ.

comment ކޮމެންޓް