މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ، ހައުސިން މިނިސްޓްރީގައި އުޅުނު ދެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީއަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2018ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނާއިބު، މާލޭ ހ.އަގޮސްޓާ ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު، މާލޭ ދަފްތަރު 12537، ހަސަން ވަހީދުގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައެވެ.
މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު އަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު"އާ ޚިލާފަށް ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
މި ބަޔާނުގައި ވަނީ، އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައިވަނިކޮން، އެ އެސޫލު އިސްލާހުކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ބިން ވިއްކާފައި ވާކަމަށެވެ.
މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުޤީޤަށް ހޯދާފައިވާ ހެކިތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަން ވެސް އޭސީސީގެ ތަހުގީގަށް އެނގިފައިވާކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، ހަސަން ވަހީދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ އަމަލުތަކުގެ ސަބަބުން އެ ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން އެނގޭކަމަށެވެ.