އާސަންދައިން ބިލަށް ފައިސާ ދޫކުރާއިރު ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދައިން ބިލަށް ފައިސާ ދޫކުރާއިރު ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އޭސީސީން ބުނެފި --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދިރާސާއިން ދައްކައިފިއެވެ.

އޭސީސީން މިއަދު ވަނީ ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް އެ ކޮމިޝަނުން ހެދި ދިރާސާ އާއްމުކޮށްފައެވެ.

އެ ދިރާސާގެ ބޭނުމަށް މައުލޫމާތު ނަގާފައި ވަނީ 2011 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އޭސީސީން ބުނީ ދިރާސާގެ މުއްދަތަކީ 2022 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކަމަށެވެ.

އޭސީސީން ބުނި ގޮތުގައި އެ ދިރާސާގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް ލަފާދިނުން ކަމަށެވެ.

އަދި ސިއްހީ ވެލްފެއާ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކޮރަޕްޝަންގެ ހިރާސް އޮތް މިންވަރު ބަލައި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލަފާދިނުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ދިރާސާއިން މައިގަނޑު ހަ މައްސަލައެއް އޭސީސީއަށް ފާހަގަވެފައިވެއެވެ. އެއީ:

  1. ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހާތްތެރިކަން ކަށަވަރު ކުރެވެން ނެތުން.
  2. ހެލްތު ވެލްފެއާ ނިޒާމުގެ ތެރެއިން ޚިދުމަތް ލިބުނުކަމުގެ "ކްލެއިމް ޕްރޮސެސް ވެލިޑޭޓް" ކުރާނެ ގޮތެއް ނެތުން.
  3. ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އައު ޚިދުމަތާއި ބޭސް ރެޖިސްޓާ ކުރުމުގައި ހާމަކަން ކުޑަވުން.
  4. އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުން.
  5. ސިއްހީ ވެލްފެއާ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުން.
  6. އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު ހަމަހަމަކަން ނެތުން.

އޭސީސީއިން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން --

މި މައްސަލަތަކަށް ރިއާޔަތްކޮށް، ސިއްހީ ވެލްފެއާ ނިޒާމު ހަރުދަނާ ކުރުމަށް އޭސީސީން ވަނީ 20 ލަފައެއް ދީފައެވެ.

އޭގެތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމް ހިންގުމަށްޓަކައި، އެ ސްކީމްގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމާއި، ރާއްޖެއަށް އެންމެ އެކަށޭނެ ހައްލަކީ ކޮބައިކަން ދެނެގަތުމަށް ޚާއްސަ ދިރާސާތަކެއްކުރަން ވަނީ ލަފާ ދީފައެވެ. އަ

ދި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް މިހާރު އަމަލުކުރެވޭ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް، ވަށާޖެހޭ ގަވާއިދުތަކެއް އެކުލަވާލުމަށް ވަނީ ލަފާދީފައެވެ.

ހަމައެއާއެކު ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމަށް ރިފަރަލް ނިޒާމެއް ވަށާޖެހޭ ގޮތަކަށް ގާއިމުކުރުން ހިމެނެއެވެ.

އަދި ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން، ޕްރައިވެޓް ހޮސްޕިޓަލް އަދި ކްލިނިކްތަކުގައި މަސައްކަތްކުރުމާ ގުޅޭ ގަވާއިދެއް އެކުލަވައިލާ، ތަންފީޒުކުރުމަށް އޭސީސީން ލަފާދީފައިވެއެވެ.

އަދި ނޭޝަނަލް ޕްރިސްކްރައިބިން ސްޓެންޑަޑަކާއި، ބޭހުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން ނިޒާމީ ގޮތެއްގައި އަމަލުކުރާނެ އުސޫލުތައް އެކުލަވައިލުމަށް ވެސް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން ލަފާދީފައިވާ ކަންކަމަކީ:

  • ސިއްޙީ ޚިދުމަތްތަކާއި ބޭހާ ގުޅުންހުރި ނެޝަނަލް ޕްރައިޒިން ސްކީމެއް ގާއިމުކޮށް ތަންފީޒުކުރުން.
  • "ކްލެއިމް ޕްރޮސެސް ވެލިޑޭޝަން" ނިޒާމެއް ތައާރަފްކުރުން.
  • ޚިދުމަތާއި ބޭސް ރެޖިސްޓާކުރުން ހާމަކަން އިތުރުވާނެ ނިޒާމެއް ގާއިމުކުރުން.
  • އާސަންދައިން ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް، ފައިސާ ދެއްކުން ލަސްވާ ހާލަތްތަކުގައި ޖޫރިމަނާ ހިސާބުކުރާ އިންސައްތަ ބަދަލުކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް އިސްލާހުގެނައުން.
  • ހެލްތު ވެލްފެއާ ނިޒާމުގެ ޖަވާބުދާރީކުރުން ހަރުދަނާކުރުން.
  • އެންސްޕާއިން އެހީ ދިނުން ހަރުދަނާކުރުން.
  • އާސަންދަ ކުންފުނީގެ މަސައްކަތް ހަރުދަނާކުރުން.
  • އާސަންދައިގެ ދަށުން އެމްޕެނަލްކުރާ ތަންތަނުގެ ފެންވަރު ބެލުމަށް އެކަން ކުރާނެ އޮޑިޓިން މެކޭނިޒަމެއް ތައާރަފުކުރުމާއި ނޭޝަނަލް ހެލްތު ޑޭޓާ ބޭސްއެއް ގާއިމުކުރުން.

އޭސީސީން ވަނީ ދިރާސާގެ އަލީގައި ފާހަގަވެފައިވާ ކަންކަން އިސްލާހު ކުރުމަށާއި، ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓާކުރުމަށް މަސްލަހަތުވެރިންނާ ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް