ގދ. ނަޑެއްލާއަށް އުދައަރައި، ބައެއް ގެތަކާ ހަމައަށް ލޮނުގަނޑު ފޯރައިފިއެވެ.
މިކަމާ ގުޅުވައި ނަޑެއްލާ ކައުންސިލްގެ ނައިބު ރައީސް ފައިސަލް ނަޖީބް 'ސަން'އަށް ވިދާޅުވީ، މިއަދު މެންދުރު ފަހުން އުދަ އަރައިން ފަށައި، ހަ ގެއަކާ ހަމައަށް ލޮނުގަނޑު ފޯރައިފައިވާ ކަމަށެވެ.
ބައެއް ގެތަކުގައި ހުރި ބަގީޗާ އަދި މޭވާ ގަސްތަކަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށާއި ރަށުގެ އުތުރާއި ދެކުނުން މުޅި ރަށް ވަށައިގެން އުދައަރާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނަޑެއްލާއަށް އުދަ އަރާފައި ---- ފޮޓޯ/ ފައިސަލް ނަޖީބް
އެކަމުން ރައްކާތެރިވުމަށް މޫދާ ކައިރި ހިސާބުތަކުގައި ހުރި ގެތައް ކައިރީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
ފައިސަލް ވިދާޅުވީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރީ ކަމާ ބެހޭ އިދާރާތައް ގުޅިގެން ކަމަށެވެ.

ނަޑެއްލާއަށް އުދައަރާފައި: މޫދާ ކައިރި ހިސާބުތަކުގައި ހުރި ގެތަކަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެފައިވޭ --- ފޮޓޯ/ ފައިސަލް ނަޖީބް
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00ގެ ނިޔަލަށް ދެކުނުގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ނަޑެއްލާއަށް އުދައަރާފައި: ހަ ގެއަކާ ހަމައަށް ލޮނުގަނޑު ގޮސްފައިވޭ --- ފޮޓޯ/ ފައިސަލް ނަޖީބް
ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށާއި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.