މެލޭޝިއާގެ ކުންފުންޏެއްގެ ޚަރަދުގައި ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކުރުން: ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ 71،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފައި -- ފޮޓޯ/ ރައީސް އޮފީސް

މެލޭޝިއާގެ ކުންފުންޏެއްގެ ޚަރަދުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން ރޭ ހަވާލުކޮށްފިއެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކުރީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ޚަރަދުގައެވެ.

އެ މަޝްރޫއު ކުރިއަށްގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބަރުހާދު ގުޅިގެންނެވެ.

އެ މަސައްކަތް ހަވާލުކުރުމާ ބެހޭ ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މެޑޯ އޭޝިއާގެ ފަރާތުން ސީއީއޯ އަދި އެމްޑީ ސްޓުވާޓް ޖޭ ވެނާ ޕެކް ސޮއިކުރެއްވިއިރު ޗިންހެން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޮޖާ ލިން ސްވިން ކިޔެޓް އެވެ. އަދި ސައިނޯމާ އިންޓަސްޓްރީ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ލިއު ޓާއޯ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ހޮސްޕިޓަލްގެ ޑިޒައިން ދައްކާލައިފައެވެ. އެގޮތުން ހޮސްޕިޓަލުގައި ހިމެނޭ ޔުނިޓްތަކުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް، ބޯންމެރޯ ޓްރާންސްޕްލާންޓް ޔުނިޓް، ޖެނެޓިކް ސްކްރީނިން އެންޑް ކައުންސެލިން، ލެބޯރެޓަރީ، ރިސާޗް އެންޑް ޑެވެލޮޕްމެންޓް އަދި އެކޮމޮޑޭޝަން ބްލޮކް ވެސް ހިމެނެއެވެ.

ތެލެސީމިއާ ހޮސްޕިޓަލް އަޅަން ހަވާލުކުރުން: ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގާނީ މެލޭޝިއާގެ ކުންފުނިތަކަކުން -- ފޮޓޯ/ ރައީސް އޮފީސް

ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ 71،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައެވެ.

ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުވުމަށާއި ކުރިއަށް އޮތް އަހަރު ތެރޭ ފަސް ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން ކެބިނެޓުން ނިންމައި، އެކަން އިއުލާންކުރީ މިދިޔަ ޑިސެމްބަރުމަހުގައެވެ. އެގޮތުން އެ ހޮސްޕިޓަލް އެޅުމުގެ ޚަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ކުރިއަށްދާން ކަމަށާއި އެ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އޭރު ސަރުކާރުން ހާމަކޮށްފައިވެއެވެ.

https://sun.mv/185897

ތެލެސީމިއާއިން ސަލާމަތްވުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމުގެ ފުރުސަތު ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، ސަރުކާރުގެ ޚަރަދުގައި މިހާތަނަށް ބައެއް ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހަދައިފައިވެއެވެ.

comment ކޮމެންޓް