ބީއެމްއެލްގެ ސްކޮލާޝިޕް ފަަންޑަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވައިލައިފި

ބީއެމްއެލްގެ ސޮކޮލާޝިޕް ލިބުނު ދަރިވަރުންތަކެއް: އެ ބެންކުން ވަނީ އެ ސްކޮލާޝިޕަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ ބީއެމްއެލް

ބޭންކިންއާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމަށް ހުޅުވައިލައިފިއެވެ.

މި އަހަރަކީ އެ ފަންޑަށް ހުޅުވައިލި ތިން ވަނަ އަހަރު ކަމަށްވާއިރު، މި ސްކޮލާޝިޕްގެ ދަށުން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސިންގެ ދާއިރާއިން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލޮޖީ، ފައިނޭންޝަލް އިންޖިނިއަރިން ރިސްކު މެނޭޖްމަންޓު ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، މި ސްކޮލާޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ޙާސިލްކުރުމުގެ ފުރުސަތު ތިން ދަރިވަރުންނަށް ލިބޭނެއެވެ.

ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު މީގެކުރިން ލިބުނު ބައެއް މީހުން: އެ ސްކޮލާޝިޕަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ބީއެމްއެލް

މިގޮތުން، ޓިއުޝަން ފީއާއި މަހުން މަހަށް ހިނގާނެ ހަރަދާއި ވިސާ ފީއާއި ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެ ބެންކުން ބުނެފައިވެއެވެ.

މި ފަންޑަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށް އިތުރު ލިޔުންތަކާއެކު އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން، މިހާރު ވެސް ރާއްޖެއިން ބޭރުގައި ހަ ދަރިވަރުން އަންނަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.

comment ކޮމެންޓް