ފުއާދުގެ ދައުރު ހަމަވާތީ އީސީއަށް ހަސީބު އައްޔަންކުރަން ފޮނުވައިފި

ހަސީބު: އޭނާ އީސީއަށް އައްޔަންކުރަން މަޖިލީހަށް ވަނީ ފޮނުވާފައި -- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.

ފުއާދުގެ ދައުރު ހަމަވާނީ ނޮވެމްބަރު 24 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވަވާފައެވެ. އެ މަނިކުފާނު މަޖިލީހަށް ރުހުން ހޯދަން ފޮނުއްވީ އެންމެ ބޭފުޅެއްގެ ނަމެވެ. އެއީ، އަބްދުލް ހަސީބު އިސްމާއިލް، ހުޅުމާލެ ހިޔާ 11-23-05 އެވެ.

ހަސީބު ވަނީ 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް އައްޔަންކޮށްފައެވެ. އޭގެ ފަހުން އޭނާ ސަސްޕެންޑްކުރުމަށް ފަހު މަގާމުން ދުރުކުރީއެވެ.

ހަސީބު މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.

ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެންބަރުކަމަށް ހުޅުވައިލީ ސެޕްޓެމްބަރު 12 ގައެވެ.

ފުއާދު ވަނީ އީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެ ގޮތުން، 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2009ގެ ސެޕްޓެމްބަރާ ހަމައަށް އީސީގެ މެންބަރުކަން ކުރެއްވިއެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2009 އިން ފެށިގެން މާޗު 2014 އާ ހަމައަށް އީސީގެ ރައީސްކަން ކުރެއްވިއެވެ.

މެދުކެނޑުމަކަށް ފަހު ފުއާދު އެނބުރި އީސީއަށް ވަޑައިގަތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އީސީގެ ރައީސްކަމަށް އަނެއްކާ ވެސް ފުއާދު އައްޔަންކުރީ ސެޕްޓެމްބަރު 2021 ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އިތުރު ފަސް އަހަރަށް ވުރެ ދިގުނުވާ ގޮތަށް މެންބަރުކަމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

ފުއާދުގެ އިތުރުން އީސީގެ މެންބަރުކަމުގައި ތިއްބަވަނީ ނައިބު ރައީސް އަލީ ނަޝާތާއި، ޑރ. މުހައްމަދު ޒާހިރު، މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާއެވެ.

comment ކޮމެންޓް