އިސްރާއީލުން އެމެރިކާގެ އަޑުއަހާނެ، ނިންމުންތައް ނިންމާނީ އަމިއްލައަށް: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން އެމެރިކާގެ ވާހަކަ އަޑުއަހާނެ ކަމަށާއި ނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އެގައުމުގެ ގައުމީ މަސްލަހަތަށް ބަލައިގެން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އެގޮތަށް ބުނީ އީރާނުގެ ނިއުކްލިއާ ނުވަތަ ތެޔޮ އުފައްދާ ފެސިލިޓީތަކަށް ހަމަލާދިނުމުގެ ބަދަލުގައި އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ތައްޔާރު ކަމަށް އެމެރިކާ ސަރުކާރަށް ނަތަންޔާހޫ ދަންނަވާފައިވާ ކަމަށް ބުނެ ވޮޝިންގްޓަން ޕޯސްޓުން އާންމުކުރި ރިޕޯޓަކާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ދެ އޮފިޝަލަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނީ ނަތަންޔާހޫ އެގޮތަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު އީރާނުގެ ކިބައިން ބަދަލު ހިފުމާ ގުޅޭ ގޮތުން ފޯނުން ދެއްކެވި ފާހަކަފުޅެއްގައެވެ.

އީރާނުން ވަނީ މި މަހުގެ އެއްވަނަ ދުވަހު އިސްރާއީލަށް އަމާޒުކޮށް ގާތްގަޑަކަށް 200 ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ ހަމަލާ ހުއްޓުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އެ ހަމަލާއާ ގުޅިގެން އީރާނުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނީ އިސްރާއީލުން އީރާނަށް ބަދަލު ހިފުމުގެ ހަމަލާ ދޭނީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިސްރާއީލުގެ ނުފޫޒެއް ނެތްކަން ދެއްކުމުގެ ގޮތުން ރާވައިގެން ކަމަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނުގެ ތެޔޮ އުފައްދާ ފެސިލިޓީއަކަށް ހަމަލާދީފިނަމަ، ތެލުގެ އަގު އުފުލި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕޯލްތަކަށް އަސަރު ކުރާނެއެވެ. މިހާރުގެ ގިނަ ޕޯލްތަކުން ދައްކާ ގޮތުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ރައީސްކަމަށް ވާދަކުރައްވާ ކަމަލަ ހެރިސްއާއި އިދިކޮޅު ރިޕަބްލިކަން ޕާޓީން ވެރިކަމަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕާއި ދެމެދު ވޯޓުގެ މާބޮޑު ފަރަގެއް ނެތެވެ.

ބައިޑަން ވަނީ އީރާނުގެ ނިއުކްލިއާ ސައިޓްތަކަށާއި ތެޔޮ އުފައްދާ ފެސިލިޓީތަކަށް އިސްރާއީލުން ދޭ އެއްވެސް ހަމަލާއަކަށް އެމެރިކާ ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

އޮކްޓޯބަރު މަހު އީރާނުން ދިން މިސައިލް ހަމަލާއަށް ރައްދު ދޭން ގަސްތުކުރާ ގޮތެއް އިސްރާއީލުން ރަސްމީކޮށް ނުބުނި ނަމަވެސް ދިފާއީ ވަޒީރު، ޔޯވް ގަލަންޓް މިދިޔަ ހަފްތާގައި ވިދާޅުވީ އެ ރައްދު ވާނީ ނުރައްކާތެރި އަދި ހައިރާންކުރުވަނިވި ރައްދެއް ކަމަށެވެ.

ރައްދުގައި އީރާނުން ބުނީ އިސްރާއީލުން ދޭ އެއްވެސް ހަމަލާއަކަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށެވެ.

އީރާނުން ބުނީ އޮކްޓޯބަރު މަހު އިސްރާއީލަށް ދިން މިސައިލް ހަމަލާއަކީ އިސްރާއީލުން ބެއިރޫތުގައި، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ)ގެ އިސް އޮފިސަރަކާއި ތެހެރާނުގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ރައްދު ކަމަށެވެ.

އިސްރާއީލުން އަންނަނީ ފާއިތުވި ހަފުތާތަކުގައި ހިޒްބުاللهއާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ލުބުނާނުގެ ދެކުނާއި އިރުމަތީގެ އިތުރުން ވެރިރަށް ބެއިރޫތަށް ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް