އެއާޕޯޓު ލަގެޖް އުފުލާ ވެހިކަލް ދުއްވަން އިން މީހަކު މަރުވެއްޖެ

ވީއައިއޭގައި އެއާކްރާފްޓުތަކެއް ޕާކުކޮށްފައި --- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގައި ލަގެޖް އުފުލާ ވެހިކަލްއެއް ދުއްވަން އިން މީހަކު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެއާޕޯޓުގައި ލަގެޖް އުފުލާ ވެހިކަލްއެއް ދުއްވާފައި ދަނިކޮށް އެޕްރޮން އޭރިޔާގައި ހުރި ލައިޓާއި ކެމެރާ ހަރުކޮށްފައިވާ ސްޓްރަކްޗާގެ ބުޑުގައި ވެހިކަލް ޖެހުން ކަމަށެވެ.

އެއާއެކު، އޭނާ ކްލިނިކަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމުގެ މައުލޫމާތު 9:28ގައި ފުލުހުންނަށް ލިބުނުކަމުގެ މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ކްލިނިކަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބެލިބެލުމުން ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މިއީ ސިއްހީ ހާލަތެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް