ކ. ގުރައިދޫގައި ނިޔާވި އުމުރުން އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖާގެ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، ކުއްޖާގެ އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވަން ނިންމި ނަމަވެސް އަދިވެސް ނުފޮނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ތުއްތު ކުއްޖާ ނިޔާވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
"ސަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޮޓޮޕްސީ ހެދުމަށްޓަކައި ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ކުއްޖާގެ ހަށިގަނޑު ފޮނުވާލެވޭނެ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
އޮޓޮޕްސީ ހެދުމަށް ތުއްތު ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ފުލުހުން ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.
މިހާތަނަށް ތިން ދުވަސްވިއިރު، ތުއްތު ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުން ލަސްވާ ސަބަބެއް ފުލުހުން ހާމައެއްނުކުރެއެވެ.
ގުރައިދޫ ކައުންސިލް މެމްބަރު އިބްރާހިމް ޝަލީޒް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ސިއްހީ މަރުކަޒަށް ގެންދިޔައީ އެރޭ ދަންވަރު 12:30 ހާއިރު ކަމަށާއި، ސިއްހީ މަރުކަޒަށް ގެނައިއިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއް އެ ކުއްޖާއަށް ލިބިފައިވާ ތަން ފެންނަން ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެއަށްފަހު ދެން މަސައްކަތްކުރީ ކަށުކަމާކެމީގެ ކަންކަމުގައި ކުރިއަށް ދިއުމަށް ކަމަށާއި، ނަމަވެސް އެ ކަން ކުރިއަށް ދަނިކޮށް ކުއްޖާގެ ހަށިގަނޑު މާލެ ގެންދަން ޖެހޭކަމަށް ފުލުހުން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ އެރޭ ދަންވަރު 3:00 ހާއިރު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެންދިޔައީ ކަމަށް ވެސް ކައުންސިލުގެ ފަރާތުން މައުލޫމާތު ދެއްވަމުން ޝަލީޒް ވިދާޅުވިއެވެ. މާލެ ގެނެސް، ޓެސްޓުތަކެއް ހެދުމަށްފަހު މިހާރު ހަށިގަނޑު އޮތީ މޯޗަރީގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝަލީޒް އިތުރަށް ވިދާޅުވި ގޮތުގައި އެ ކުއްޖާގެ އާއިލާއާ މެދު ވެސް ޝައްކުކުރެވޭ ކަމެއް ނެތެވެ. އެއާއެކު އާއިލާ ވެސް މި ވަގުތު ތިބީ ކަންބޮޑުވުމެއްގައިކަން ފާހަގަކުރެއްވިއެވެ.