ޕުޓިން ހައްޔަރުކޮށްދިނުމަށް ޔޫކްރެއިނުން ބްރެޒިލްގައި އެދިއްޖެ

ރަޝިއާގެ ރައީސް ވުލަމީޑިއާ ޕޫޓިން. ޕޫޓިން ހައްޔަރުކޮށްދިނުމަށް ޔޫކްރެއިން އިން ވަނީ ބްރެޒިލް ސަރުކާރަށް އެދިފައި. ފޮޓޯ/ރޮއިޓާސް

އަންނަ މަހު ބްރެޒިލްގައި ބާއްވަން ހަމަޖެހިފައިވާ ޖީ20 ސަމިޓްގައި ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށާއި، ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޕުޓިން ބްރެޒިލްއަށް ވަޑައިގެންފިނަމަ، ހައްޔަރުކޮށްދިނުމަށް ޔޫކްރޭނުން ބްރެޒިލް ސަރުކާރަށް އެދިއްޖެއެވެ.

ޔޫކްރޭންގެ ޕްރޮސެކިއުޓާ ޖެނެރަލް އެންޑްރީ ކޮސްޓިން ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވަންތަކަމާއެކު ތެދުވެ ޕޫޓިން ޖަވާބުދާރީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ބްރެޒިލްގައި ބާއްވާ ޖީ20 ސަމިޓްގައި ޕޫޓިން ބައިވެރިވެވަޑައިގެންފާނެ ކަމުގެ މައުލޫމާތު ލިބުމުން އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުންވަނީ ރޯމް ސްޓޭޓިއުޓްގެ ސްޓޭޓް ޕާޓީއެއްގެ ގޮތުގައި ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރު ކުރަން" ކޮސްޓިން ވިދާޅުވިއެވެ.

އަންނަ މަހު 18އިން 19އަށް ރިއޯ ޑި ޖެނީރޯގައި ބާއްވާ ޖީ20 ގެ ބައްދަލުވުމަށް ބްރެޒިލުން ޕޫޓިންއަށް ރަސްމީ ދައުވަތެއް ފޮނުވި ނަމަވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށް ބްރެޒިލް ސަރުކާރުން ވަނީ ބުނެފައެވެ.

ޔޫކްރޭނުން އެތައް ސަތޭކަ ކުޑަކުދިންނެއް ގަވާއިދާ ޚިލާފަށް ރަޝިއާއަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރެފައި ވަނީ މިދިޔަ މާޗްމަހުއެވެ. ނަމަވެސް ރަޝިއާއިން އެ ތުހުމަތު ދޮގުކުރެއެވެ. އަދި އެއީ ސިޔާސީ ގޮތުން ޕުޓިންއަށް ކުރާ ދައުވާއެއް ކަމަށް ވެސް ރަޝިއާއިން ބުނެފައިވެއެވެ.

އައިސީސީން އަމުރު ނެރެފައި އޮތް ނަމަވެސް ސެޕްޓެމްބަރު މަހު ޕޫޓިން ވަނީ މޮންގޯލިއާއަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އެފަހަރުވެސް އައިސީސީގެ އަމުރާ އެއްގޮތަށް ޕުޓިން ހައްޔަރު ކޮށްދިނުމަށް ޔޫކްރެއިނުން ވަނީ މޮންގޯލިއާ ސަރުކާރުގައި އެދިފައެވެ.

ޕުޓިން ހައްޔަރު ކުރުމަށް އައިސީސީން ނެރެފައިވާ އަމުރު އައިސީސީގެ 124 މެމްބަރު ތަންފީޒުކުރަން ޖެހެއެވެ. އެގޮތުން މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމަކަށް ޕުޓިން ވަޑައިގެންފިނަމަ، ހައްޔަރުކުރުމަށް ކޯޓު އަމުރުގައި ލާޒިމްކޮށްފައިވެއެވެ.

comment ކޮމެންޓް