ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި ޕައިލެޓާއި އާއިލާ މަރުވެއްޖެ

ބްރެޒިލްގެ މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދު. އެ ހާދިސާގައި ބޯޓުގެ ޕައިލެޓާ އާއިލާ ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް

ފަތުރުވެރިންގެ މެދުގައި މަގުބޫލު ބްރެޒިލްގެ ރަށެއް ކަމަށްވާ ގްރެމާޑޯއަށް ކުޑަ މަތިންދާބޯޓެއް ވެއްޓި 10 މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި ބޯޓު ޕައިލެޓް ކުރަމުން ދިޔަ ބްރެޒިލްގެ ވިޔަފާރިވެރިޔާ ލުއިޒް ކްލޯޑިއޯ ގަލެއަޒީ އާއި އޭނާގެ އަންހެނުންނާއި, ތިން އަންހެން ދަރިންނާއި އާއިލާގެ އެހެން މެމްބަރުން ވެސް ހިމެނޭކަމަށް އޭނާގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 61 އަހަރުގެ ގަލެއާޒީ ދިޔައީ އާއިލާއާއެކު ސައޯ ޕައުލޯ ސްޓޭޓްގެ ޖުންޑިއާއަށް ދަތުރެއް ކުރަމުންނެވެ.

ރިއޯ ގްރާންޑޭ ޑޯ ސުލް ސްޓޭޓްގެ ގަވަރުނަރު އެޑޫއާޑޯ ލޭޓޭ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި 10 މީހުންނަކީ ވެސް ގަލެއަޒީގެ އާއިލާގެ މެމްބަރުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޯޓު ފުރިއިރު، މޫސުން ވެސް ރަނގަޅު ނޫން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުނުއިރު ވަނީ ތިން ކިލޯމީޓަރު (1.8 މޭލު) ދުރަށް އުދުހިފައެވެ. ބްރެޒިލްގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި ޓްވިން އިންޖީނުގެ ޕައިޕާ ޕީއޭ-42-1000ގެ އެ ބޯޓު ވެއްޓުނީ ގެއެއްގެ ދުންހޮޅިއާއި އެހެން ގެއެއްގެ ދެވަނަ ފަންގިފިލާގައި ޖެހި، ގްރެމާޑޯގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަކަށެވެ.

ބޯޓު ވެއްޓިފައި ވަނީ ކާނެލާއިން އުދުހިގަތްތާ މާ ގިނައިރުތަކެއް ނުވެ ކަމުގައި ވެސް އޭޖެންސީ ބުނެފައިވެއެވެ.

ރިއޯ ގްރާންޑޭ ޑޯ ސުލްގެ ގަވަރުނަރު އެޑޫއާޑޯ ލޭޓޭ ވިދާޅުވީ އެ ހާދިސާގައި ޒަޚަމްވީ 17 މީހަކު ކަމަށާއި އޭގެ ތެރެއިން 12 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި 17 މީހުން ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް

އެރޮނޮޓިކަލް އެކްސިޑެންޓް އިންވެސްޓިގޭޝަން އެންޑް ޕްރިވެންޝަން ސެންޓަރު (ސެނިޕާ) އިން އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ލޭޓޭ ވިދާޅުވިއެވެ.

ގަލެއަޒީ އަކީ ސައޯ ޕައުލޯގައި ހުންނަ ކޯޕަރޭޓް ރީސްޓްރަކްޗަރިން އެންޑް ކްރައިސިސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ގަލެއަޒީ އެންޑް އެސޯސިއޭޑޯސްގެ ޗީފް އެގްޒެކެޓިވްއެވެ.

ގަލެއަޒީގެ މަރާ ގުޅިގެން އެ ކުންފުނިން ވަނީ ބަޔާނެއް ނެރެފައެވެ.

"ލޫއިޒް ގަލެއަޒީ އާއިލާއަށް ޚިދުމަތް ކުރެއްވުމާއި ގަލެއަޒީ އެންޑް އެސޯސިއޭޓްސްގެ ލީޑަރުގެ ގޮތުގައި މަސައްކަތްކުރެއްވި، ފާހަގަކޮށްލެވޭ ބޭފުޅެއް. އޭނާގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ،" ބަޔާނުގައިވެއެވެ.

ގްރެމަޑޯ އަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްގެ އިތުރުން، އެކި ކަހަލަ ހަފްލާތައް ވެސް ބާއްވާ މަޝްހޫރު ސަރަހައްދެކެވެ.

މި އަހަރުގެ މެއި މަހު އެ ސަރަހައްދު ފެންބޮޑުވުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ހާދިސާގައި އެތައް ބަޔެއްގެ ފުރާނަ ގެއްލި ގާތްގަނޑަކަށް 150،000 މީހުން ގެދޮރު ވަނީ ގެއްލިފައެވެ.

comment ކޮމެންޓް