ފަލަސްތީނަށް ތާއީދުކުރާ ބަޔަކު ނިއު ޔޯކުން ހައްޔަރުކޮށްފި

ފަލަސްތީނަށް ތާއީދުކުރާ ބޔަަކު ނިއު ޔޯކުގެ ސްޓޮކް އެކްސްޗޭންޖް ކައިރިއަށް އެއްވެ މުޒާހަރާ ކުރަނީ. ފޮޓޯ/ރޮއިޓާސް

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ނިއު ޔޯކުގައި ކުރި މުޒާހަރާއެއްގެ ތެރެއިން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

އޭގެތެރެއިން ގިނަ ބަޔަކު ހައްޔަރުކުރީ ވޯލް ސްޓްރީޓް ކައިރީގައި ހުންނަ އެކްސްޗޭންގް އައިކޯނިކް އިމާރާތުގެ ކައިރިންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެކްޓިވްސްޓި ގްރޫޕްތަކުގެ ގިނަ ބަޔަކު ހިމެނެއެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްވެސް މީހަކު ސްޓޮކް އެކްސްޗޭންޖްގެ ތެރެއަށް ވަދެފައެއްނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ ބްރޯޑް ސްޓްރީޓްގައި ހުންނަ އެ ކުންފުނީގެ މައި އިމާރާތުގެ ބޭރުގައި ޖަހާފައިވާ ފުލުހުންގެ ސެކިއުރިޓީ ފެންސެއް ހުރަސްކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ އެމެރިކާގެ ޑިފެންސް ކޮންޓްރެކްޓަރުންނާއި ހަތިޔާރު އުފައްދާ ކުންފުނިތަކަށެވެ. ބައިވެރިން ވަނީ އީރާނުން ތާއީދުކުރާ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުالله ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ.

އެ މުޒާހަރާ ތެރޭގައި މަދުން ނަމަވެސް އިސްރާއީލަށް ތާއީދުކުރާ ބަޔަކުވެސް ހަރަކާތްތެރިވި ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ. އެ މީހުން އުޅުނީ އިސްރާއީލުގެ ދިދަ ހިފައިގެންނެވެ.

އެ މުޒާހަރާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް އެމެރިކާ ވާގިވެރިވާތީ، އެކަމާ ދެކޮޅަށް ފާޑުކިޔައި އަޑުއުފުލުމަށް އެންމެ ފަހުން ބޭއްވި މުޒާހަރާއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 42،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގެ މުޅި އާބާދީއަށް ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައެވެ.

comment ކޮމެންޓް