ކަރަންގެ ފިލްމު ކުންފުނީގެ ހިއްސާ ގަންނަން ރިލަޔަންސް ގްރޫޕުން ހުށަހަޅައިފި

މުކޭޝް އަމްބާނީ އަދި ދަރުމާ ކުންފުނީގެ ވެރިޔާ ޕްރޮޑީއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު--ފޮޓޯ/ޑީއެންއޭ

އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަން ހައުސްގެ ހިއްސާ ގަތުމަށް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕު (އާރްއައިއެލް)އިން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދަރުމާ ޕްރޮޑަކްޝަންސް އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި ކަރަންގެ މަންމަ ހިރޫ ޖޯހަރުގެ ބެލުމުގެ ދަށުން ހިންގާ ކުންފުންޏެކެވެ. މިކަމާ ގުޅޭގޮތުން ދަރުމާއިން ރަސްމީ ބަހެއް ބުނެފައި ނެތް ނަމަވެސް ދަރުމާގެ މެޖޯރިޓީ ހިއްސާ ރިލަޔަންސްއިން ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާ ގުޅޭ މަޝްވަރާތައް ކުރިޔަށްދާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ރިލަޔަންސްއިން ކަރަންގެ ފިލްމު ކުންފުނީގެ ހިއްސާ ގަންނަން ހުށަހަޅާފައިވާއިރު ދާދިފަހުން އާރްޕީ ސަންޖީވް ގޮއެންކާ ގްރޫޕްގެ ދަށުން ހިންގާ ސާރޭގަމާއިން ވެސް ވަނީ ދަރުމާގެ ހިއްސާ ގަންނަން ހުށަހަޅާފައެވެ.

ކަރަން ޖޯހަރު މަންމަ ހިރޫ ޖޯހަރު އަދި ދެ ކުދިން ކަމަށްވާ ޔާޝް އާއި ރޫހީ--ފޮޓޯ/ބޮލީވުޑްހަންގާމާ
މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުންޏަށް ދަރުމާގެ ހިއްސާ ކާމިޔާބުކުރެވިއްޖެނަމަ މުނިފޫހިފިލުވުމުގެ ދާއިރާގައި ރިލަޔަންސްގެ ބާރު އިތުރަށް ގަދަވެ ކުރިމަގުގައި އެ ދާއިރާއިން ގިނަ ފުރުސަތުތައް ކުންފުންޏަށް ލިބުމުގެ މަގުފަހިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިލަޔަންސް ކުންފުނިން މިހާތަނަށް ހިއްސާ ގަނެފައިވާ ފިލްމު ޕްރޮޑަކްޝަން ކުންފުނިތެރޭ މަޝްހޫރު ޖިއޯ ސްޓޫޑިއޯސް، ވިއަކޮމް18 ސްޓޫޑިއޯސް، ކޮލޮސްކިއުމް މީޑިއާ އަދި ބާލާޖީ ޓެލެފިލްމްސް ހިމެނެއެވެ.

ފިލްމު އުފެއްދުމުގެ ދާއިރާގައި 44 އަހަރު ވެފައިވާ ދަރުމާ ޕްރޮޑަކްޝަން އަކީ ކަރަންގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު 1979 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ލޯބީގެ ރީތި ފިލްމުތައް ގެނެސްދެމުން އަންނަ ދަރުމާ ކުންފުނިން އަންނަނީ ވެބް ކޮންޓެންޓްތަކަށް ހާއްސަކޮށް ދަރުމެޓިކް އެންޓަޓެއިންމަންޓްގެ ނަމުގައި އިތުރު ގޮތްޕެއް ހުޅުވާފައެވެ. އެ ކުންފުނިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ޖިގްރާ"އެވެ.

comment ކޮމެންޓް