ފިލްމު "އާޒާދު"އިން މި އަހަރުގެ ޖަނަވަރީ މަހު ބޮލީވުޑަށް ތައާރަފުވި ޒުވާން ބަތަލާ ރަޝާއަށް އެކްޓަރު ކާތިކް އާރްޔަނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާތިކްގެ ކުރިއަށް އޮތް ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2"ގެ ބަތަލާގެ ރޯލަށް ރަޝާ ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ފިލްމުގެ ބަތަލާގެ ރޯލް ކުރިން ހުށަހަޅާފައި ވަނީ ސައުތު ސިނަމާގެ ބަތަލާ ސްރީލީލާއަށެވެ.
ނަމަވެސް، ސްރީލީލާގެ ބަދަލުގައި ރަޝާއަށް ފިލްމުން ފުރުސަތު ދޭން ނިންމާފައި ވަނީ ސްރީލީލާއާއި ކާތިކް މިހާރުވެސް އެހެން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކާތިކް އާއި ސްރީލީލާ އެކީގައި މަސައްކަތް ކުރަމުން އަންނަ ފިލްމުގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2"އަށް ކާތިކާ އެކު ބޭނުންވަނީ މުޅިން އާ ޖޯޑެއް ކަމަށާއި ރަޝާއަކީ އަލަށް ފިލްމު އިންޑަސްޓްރީއާ ގުޅުނު ޒުވާނަކަށްވުމުން މިއީ އެ ފިލްމަށް އެންމެ ރަނގަޅު ހޮވުން ކަމަށް ފިލްމު ގެނެސްދޭ ކުންފުނިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2" އަކީ 2019 ވަނަ އަހަރު ޑައިރެކްޓަރު މުދައްސަރު އަޒީޒު ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ. މި ފިލްމުގައި ކާތިކާ އެކު ބަތަލާގެ ރޯލުން ފެނުނީ ބޫމީ ޕެޑްނޭކަރު އަދި ބަތަލާ އަނަނިޔާ ޕާންޑޭއެވެ.
ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ 2"އިން ބަތަލާ ބޫމީ ފެންނާނެ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެފައިވީ ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެއެވެ.
ކާތިކްގެ ފިލްމުން ބަތަލާ ސްރީލީލާ ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.