މާލެ ކައިރީގައި އޮންނަ ކ. ފުނަދޫގައި ގާއިމްކުރުމަށް ނިންމާފައިވާ އިކޮނޮމިކް ޒޯނުގެ ތެރެއިން މާލެއާއި ފުނަދޫ ގުޅާލާ މޮނޮރޭލް އެޅުމުގެ މަސައްކަތް ކުރުމަށް އެމްއޭސީއެލުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ކުންފުނިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމާއި އިގްތިސާދީ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫގެ ބޮޑު ބައެއްގެ ގޮތުގައި ހުޅަނގު ފަރާތުގެ ވިޔަފާރި މަރުކަޒާއި ރޭލް ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުމަށް ބީޔޫސީޖީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށް ބުނެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިކަމަށް ހާއްސަކޮށްގެން ބޭއްވުނު ރަސްމިއްޔާތުގައި ބީޔޫސީޖީގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުންފުނީގެ ޖެނެރަލް މެނޭޖަރި ލުއޯ ވެއި އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.
މި ޕްރޮޖެކްޓަށް ފަންޑު ކުރާނީ ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރެޓީ (އިފްޒާ)އިން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ކުރިން އާންމުކުރި ޕްލޭންގައިވަ ގޮތުން މާލެ ކައިރި އޮތް ތެޔޮފުނަދޫގައި ތަރައްގީކުރަނީ ފައިނޭންޝަލް ސެންޓަރެވެ. ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަންތައް ބަދަލުކުރަނީ ޝެރަޓަން ރިޒޯޓު ހިންގާ ރަށަށެވެ. އަދި އަދި ހުޅުލޭން ސީޕްލޭން ޓާމިނަލަށް ބްރިޖު އަޅައި ދަތުރުފަތުރުގެ ނިޒާމުން ގުޅައިލުމަކީ ސަރުކާރުގެ ޕްލޭނެވެ