ޗުއްޓީއަށް ފަހު އޮތް ފުރަތަމަ ޖަލްސާ ކުރުކޮށްލައިފި

ވިހިވަނަ މަޖިލިސް: ޗުއްޓީއަށް ފަހު މިއަދު އޮތް ފުރަތަމަ ޖަލްސާ ކުރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

ޗުއްޓީއަށް ފަހު މިއަދު އޮތް ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، ބަހުސްކުރާނެ މެންބަރެއް ނުވެ ކުރުކޮށްލައިފިއެވެ.

މިއަދުގެ އެޖެންޑާގައި ގިނަ މަސައްކަތްތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ގިނަ އޮޑިޓް ރިޕޯޓުތަކެއް ނިންމާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ރިޕޯޓުތައް ތަޅުމަށް ހުށަހަޅާފައިވެސްވެއެވެ.

ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ މަސައްކަތްތައް:

  • ކެބިނެޓަށް ގެނައި ބަދަލާއެކު އަލުން އައްޔަނުކުރި ތިން ސަފީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުން.
  • ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރުކަމަށް ބޭފުޅަކު އައްޔަނުކުރުން.
  • އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވުމުގެ މަސައްކަތް.
  • އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއޭއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުން ދިނުން.
  • އެންވަޔަރަމަންޓް މިނިސްޓްރީގެ 2012 އިން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެކުލަވައިލި އޮޑިޓް ރިޕޯޓުގެ މަސައްކަތް.
  • ޑިފެންސް މިނިސްޓްރީގެ 2012 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެކުލަވައިލި އޮޑިޓް ރިޕޯޓުގެ މަސައްކަތް.
  • މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ބިމުގައި ދެ ބުރީގެ އިމާރާތެއް އެޅުމަށް ކޮށްފައިވާ ޚަރަދުތަކާ ގުޅޭ އެސެސްމަންޓްގެ ރިޕޯޓުގެ މަސައްކަތް.

މީގެ އިތުރުން މަޖިލީހަށް މިއަދު ވަނީ ތިން ބިލެއް އަލަށް ތައާރަފުކޮށްފައެވެ. އެއީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އަދި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލީސް

މިއަދުގެ ޖަލްސާގައި މިއިން ކޮންމެ މައްސަލައެއް އެކަމާ ގުޅުންހުރި ކޮމިޓީއަކަށް ފޮނުވުމުގެ ކުރިން ނުވަތަ ތަޅުމަށް ހުށަހެޅި ރިޕޯޓެއް ފާސްކުރުމުގެ ކުރިން ބަހުސްގެ މަރުހަލާއަށް އެކި ފަހަރުމަތިން ހުޅުވާލިއެވެ. ނަމަވެސް އެންމެ ދެ މެންބަރަކު ފިޔަވައި ބަހުސްކުރާނެ އެއްވެސް މެންބަރަކު ނުވިއެވެ.

އެއާއެކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ޖަލްސާ ކުރުކޮށްލައި ވޯޓަށް އަހާފައެވެ.

"މިއަދުގެ އެޖެންޑާގައި ހިމެނިފައިވާ އައިޓަމްތަކުގެ ތެރެއިން ހުރިހާ އައިޓަމެއް މި ނިމުނީ. ދެން އޮތޯ ވޯޓަށް އެހުން. އަޅުގަނޑު ގަސްތުކުރަނީ މިހާރު ވޯޓަށް އަހަން،" ޖަލްސާ ފެށިތާ ބައި ގަޑިއިރެއްހާއިރު ތެރޭގައި ނާޒިމް ވިދާޅުވިއެވެ.

އާއްމުގޮތެއްގައި ވޯޓަށް އަހާނީ މަސައްކަތްތައް ނިންމާލުމަށް ފަހު އެއް ގަޑިއިރުގެ ބްރޭކަކަށް ގޮސް އެނބުރި އައުމަށްފަހުއެވެ. ނަމަވެސް މިއަދު ވަނީ ބަހުސްކުރާނެ މެންބަރެއް ނުވެ، ކުރުކޮށްލާފައެވެ. އެގޮތުން ބްރޭކަކަށް ވެސް ނުގޮސް ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އަހައި މަޖިލިސް ނިންމާލިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔައީ ގާތްގަނޑަކަށް 36 މިނެޓަށެވެ.

comment ކޮމެންޓް