ގއ. ކޫއްޑޫގައި މަސައްކަތް ކުރާ މިފްކޯގެ މުވައްޒަފަކަށް ގަނާ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް މިފްކޯއިން ބަލަމުން އަންނަކަމަށް މިއަދު އެ ކުންފުނިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި މިފްކޯގެ މުވައްޒަފަކަށް ލިބެމުން އަންނަ ގަނާގެ ވާހަކަ އަންނަނީ ދައުރުވަމުންނެވެ. އޭގައިވާ ގޮތުން ކޫއްޑޫގައި މަސައްކަތްކުރާ އެ މުވައްޒަފަކީ ޚާއްސަ އެހީއަށް ބޭނުންވާ މުވައްޒަފެކެވެ.
ދައުރުވަމުން އަންނަ ޕޯސްޓުގައިވަނީ އޭނާއަށް ކުރިމަތިވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން އޭނާއާ ގަނާކުރާ މީހުންނަށްވުރެ އަަވަހަށް ކޫއްޑޫއަށް ދާ ފެރީއަށް އަރައިފިނަމަ މައްސަލަ ޖެއްސުމާއި، ލަހުން އަރައިފިނަމަ ވެސް ޖެއްސުން ކުރުން ހިމެނޭކަމަށް ޕޯސްޓުގައިވެއެވެ.
އަދި އެ މީހުންނަށްވުރެ ކުރިން ފިންގާ ޖަހައިފިނަމަ ޖެއްސުންކުރުން ފަދަ ކަންކަން ކުރާކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން ވަނަންތަކުން ގޮވުމާއި، ކެންޓީނަށް ކާންދިޔަ ނަމަވެސް، ކާން ދަތިވެ އަނބުރާ ދާން ޖެހޭ މިންވަރަށް ޖެއްސުންކޮށް ދަތިކުރާކަމަށް ވެސް ޕޯސްޓުގައިވެއެވެ.
އަދި ބައެއް ދުވަސް ދުވަހު ބަނޑުހައިވި ނަމަވެސް، ޖެއްސުންކުރާނެކަން އެނގޭތީ ނުކައި ހުންނަކަމަށް ވެސް އެ ޕޯސްޓުގައި އޮތެވެ. މީގެ އިތުރުން އޭނާގެ ބޮލުގައި ތަޅައި، އަނިޔާކުރާކަމަށް ވެސް ޕޯސްޓުގައި އޮތެވެ.
"އަހަަރެން ހަދަންވީ ގޮތެއް އަހްނަކަށް ނޭނގެއެވެ. އެ މީހުންނަށް ރަނގަޅު އެއްގޮތެއް ވެސް ނޯވެއެވެ،" އެ ޕޯސްޓުގައި ލިޔެފައި އޮތެވެ.
މީގެ އިތުރުން އޭނާއަކީ ފިޓު ޖެހޭ މީހެއް ކަމަށާއި، މަސައްކަތު މާހައުލުގައި ދިމާވާ ކަންކަމުގެ ސަބަބުން ކަންކަމާ ފިކުރުކުރެވި، ކަންބޮޑުވެ ދެރަވެ، އަވަހަށް ރުޅި އާދެވޭ ކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަަލަ ބޮޑުވެ، އެ ކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން މިފްކޯއިން މިއަދު ބުނީ ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގާނާ ކުރަމުންދާ މައްސަލައެއް އެ ކުންފުނިން ބަލަމުން އަންނަކަމަށެވެ.
އަދި އެ މައްސަލަ ފުރިހަމައަށް ބެލުމަށްފަހު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އެ ކުންފުނިން އަޅާނެ ކަމުގެ ޔަގީންކަންދޭކަމަށް ވަނީ ބުނެފައެވެ.
ހަމައެއާއެކު މުވައްޒަފުންނަށް ގާނާ ކުރުމާއި އެ ނޫން ވެސް ފުރައްސާރައިގެ އަމަލުތަކަކީ އެ ކުންފުނިން ޓޮލެރޭޓް ކުރާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ދޭކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ވަޒީފާ އަންނަނީ ދެމުންނެވެ. އެ ފަދަ މީހުންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމަށް ޓަކައި ކުންފުނިތަކުން ވެސް މަސައްކަތް ކުރެއެވެ.
ނަމަވެސް މަދުން ނަމަވެސް ވަޒީފާގެ މާހައުލުގައި ގަނާކުރުން ފަދަ ކަންކަން ރާއްޖޭގެ މުޖުތަމައުގައި ވެސް ކުރިމަތިވެއެވެ.