ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އިސްރާއީލުގެ އުތުރުގެ ބިންޔާމިނާ ޓައުން ކައިރިއަށް ހިޒްބުﷲއިން ޑްރޯން ހަމަލާދިން ސަރަހައްދުގައި އެމްބިއުލާންސް ހަރަކާތްތެރި ވަނީ. ފޮޓޯ/އޭއެފްޕީ

ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲއިން އިސްރާއީލަށް ދިން ހަމަލާއެއްގައި ހަތަރު ސިފައިން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އާދީއްތަ ދުވަހު ދިން ހަމަލާ ދީފައިވަނީ ހައިފާގެ ދެކުނުން އޮންނަ ބިންޔާމިނާ ޓައުން ކައިރީގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށެވެ. ހިޒްބުالله އިން ބުނީ އަސްކަރީ ކޭމްޕަކަށް އަމާޒުކޮށްފައި ވަނީ ގިނަ އަދަދެއްގެ ޑްރޯންތަކެއް ކަމަށެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނާ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން އެއްވެސް އިންޒާރުދޭ ސައިރެންގެ އަޑު އިވިފައެއް ނުވެއެވެ.

އެ ހަމަލާގެ ޒިންމާ ހިޒްބުﷲ އިން ނަގާ ކަމަށް ބުނެ ބަޔާނެއް ވަނީ ނެރެފައެވެ.

އެ ހަމަލާ ވެފައި ވަނީ ހިޒްބުﷲ އިން އިސްރާއީލަށް މި ފަހުން ދިން މިފަދަ އެންމެ ބޮޑު ހަމަލާއަށެވެ.

ވަކިން ނެރުނު ބަޔާނެއްގައި ހިޒްބުالله އިން ބުނެފައިވަނީ އިސްރާއީލުން ހިފާފައިވާ ގޯލާން އުސްބިންތަކުގައި ހުންނަ އިސްރާއީލުގެ ސްނޯބާ ލޮޖިސްޓިކްސް ބޭސްއަށް ވެސް މިސައިލު ހަމަލާއެއް އަމާޒުކޮށްފައިވާނެ ކަމަށެވެ.

އިސްރާއީލާއި ހިޒްބުاللهގެ ހަމަނުޖެހުން އިތުރުވީ މީގެ އަހަރެއްހާ ދުވަސް ކުރިން އިސްރާއީލުގެ ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމުން، ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ލުބުނާނުން އިސްރާއީލަށް ހަމަލާދޭން ފެށުމުންނެވެ. ފާއިތުވި ހަފްތާތަކުގައި އިސްރާއީލުން ވަނީ ހަނގުރާމަ ވަރަށް ބޮޑަށް ފުޅާކޮށް، ލުބުނާނުގެ ހުރިހާ ހިސާބަކަށް ވައިގެ ހަމަލާތައް ދީ، އެގައުމުގެ ދެކުނަށް އެއްގަމު މަގުން ސިފައިން ފޮނުވާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ލުބުނާނުގައި 2،100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 1.2 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް