ތަރައްގީއާ ޖެހުމުން ލޯތައް ކަނު: މި ހިތްގައިމުކަން ނެތިކޮށްލީ ކޮން އަގަކަށް؟

ފ. ނިލަންދޫގެ ހިތްގައިމު ގޮނޑުދޮށް އެއާޕޯޓު ތަރައްގީކުރަން ހިއްކަނީ ---

މޫސުމީ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުުފުލުމާއި، ދުނިޔޭގެ ހޫނުވުމުގެ ނުރައްކާ މި ރާއްޖެ ވަށައިލައިފިއެވެ. ނަމަވެސް އެ ނުރައްކަލުގެ ވާހަކަ އަޑުއަހައި، އަހައި މިއަދު ބާ ވެއްޖެއެވެ. އެއީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދުނިޔޭގެ ސަމާލުކަން ހޯދަން ދައްކާ ވާހަކައަކަށް ބަދަލު ވެސް ވެއްޖެއެވެ.

ސަބަބަކީ ތަރައްގީގެ ކުރިމަތީގައި ގުދުރަތީ ވެއްޓާއި އޭގައިވާ ދިރުންތަކުގެ އަގެއް ހަމަ އެއްވެސް ބަޔަކަށް ނުފެންނާތީއެވެ.

ހަމައެފަދައިން ފ. ނިލަންދޫގައި ތަރައްގީކުރަން ފަށައިފައިވާ އެއާޕޯޓާއެކު ފަރުދާ ކަހައިލައިފިއެވެ. ރައްޔިތުންގެ ލޯމަތިން "ގެއްލުވައިލީ" އެ އެއާޕޯޓު ތަރައްގީކުރަން ނެތިކޮށްލާ ގުދުރަތީ ބޮޑު ތުނޑިއެވެ.

އެއާޕޯޓު ތަރައްގީކުރަން އެ ބޮޑު ހިތްގައިމު ތުނޑިއާއި މޫދު ހިމެނޭހެން 42.6 ހެކްޓަރުގެ ބިން ހިއްކަން ވަނީ މަސައްކަތް ފަށައިފައެވެ. އެއާއެކު އެ މޫދުގައިވާ ގުދުރަތީ ދިރުންތަކުގެ ވެށި ގެއްލުނީއެވެ. އަދި ރަށުގެ ގުދުރަތީ ސިފަ ބަދަލުވެ ވެއްޓަށް ބޮޑު ބަދަލެއް އައީއެެވެ.

ފ. ނިލަންދޫ އެއާޕޯޓު މަސައްކަތަށް ބިން ހިއްކަނީ. މޫދު ހިމެނޭހެން ހިތްގައިމު ތުނޑިއެއް އެކީ ހިއްކާނެ -- ފޮޓޯ/ އަލީ އަހްމަދު

ރައްޔިތުންގެ ޚިޔާލަށް ފުރުސަތެއް ނުދޭ

މި ވަރުގެ ބޮޑު ކަމެއް ސަރުކާރަކުން ފަށާއިރު، ވަކިން ޚާއްސަކޮށް ވެއްޓަށް ބަދަލު އަންނަ ފަދަ ކަމެއް ކުރާއިރު ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެ ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން ހުރި ޝުއޫރުތަކަށް ބަލައިނަމަ، މި ކަމުގެ ރައްޔިތުންގެ މާ ބޮޑު ޚިޔާލެއް ހޯދައިފައި ނުވާ ކަމަށް އަންނަނީ ބުނަމުންނެވެ. އަދި އެއީ ސަރުކާރަށް ފަސޭހަ ގޮތަށް އެކަނި ބަލައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބައެއް ރައްޔިތުން ބުންޏެވެ.

"އަސްލު ހަގީގަތުގައި އަޅުގަނޑު ނުދަންނަވާނަން، އެއާޕޯޓު ކަންތަކުގައި އެންމެ ރަނގަޅު މައުލޫމާތެއް ރައްޔިތުންނަށް ސާފުވާ މިންވަރަށް ދިން ކަމަކަށް. މީހުން މޫދަށް އެރެން ބޭނުންކުރަމުން އައި މި ގޮނޑުދޮށް ހިއްކައިގެން އެ ކަން އެ ކުރަނީ ސަރުކާރަށް އެންމެ ޚަރަދު ކުޑަ ގޮތަކީ އެއީ ކަމަށް ވާތީއޭ ދަންނަވާނީ،" ނަން ނުޖަހަން އެދި އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެެވެ.

ރަށު ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވެސް "ސަން"އަށް ވިދާޅުވި ގޮތުގައި ރަށުގެ މި ހިތްގައިމު ގޮނޑުދޮށް ގެއްލުމަކީ ރަށުގެ ޒުވާނުންގެ ކަންބޮޑުވުމެކެވެ. އަދި އެހެން ބައެއް ރައްޔިތުން ވެސް ފާޅުކުރަމުން އަންނަ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ފ. ނިލަންދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ކުރެހުން --

ހެޔޮ! ކޮންމެހެން ވެސް އެއާޕޯޓު ބޭނުން، މިއީ ހުވަފެނެއް

ކައުންސިލްގެ އަހްމަދު ވިދާޅުވި ގޮތުގައި އެއާޕޯޓެއްގެ ހުވަފެން އެ ރަށުގެ ރައްޔިތުން 2017ވަނަ އަހަރުން ފެށިގެން އަންނަނީ ދެކެމުންނެވެ. ނަމަވެސް އެއާޕޯޓު މަސައްކަތަށް އެކިފަހަރު މަތިން ފައިސާ ބަޖެޓުކުރެވިފައި އޮވެ، އަމަލީ މަސައްކަތް ނުފެށި މިއަދާ ހަމައަށް ވެސް އޮތީ ދިގުލައިގެން ގޮސްފައެވެ.

އެހެން އޮއްވައި އެ އަތޮޅުގެ މާ ފަހަތުން މަގޫދޫގައި، ނިމިދިޔަ ސަރުކާރުގައި އެއާޕޯޓެއްގެ މަސައްކަތް ފެށުމަކީ ވެސް ނިލަންދޫ ރައްޔިތުންގެ އިންތިޒާރު ކޮޅުންލައިގެންދިޔަ ސަބަބެކެވެ. އެއީ ނިލަންދޫގައި އެ މަސައްކަތް ނުފެށި އޮއްވައި އެހެން ރަށެއްގައި ފެށުމުންނެވެ.

އެހެންވެ، މިއަދު މި އެއާޕޯޓު އެޅުމަށް ޓަކައި މަސައްކަތް ފެށުމަކީ ވެސް އެއާޕޯޓަކަށް "ފެން ބޮވައިގަނެފައި" ތިބި އެ ރަށުގެ ރައްޔިތުންނަށް ކިރިޔާ ވެސް ތަސައްލީއެއް ލިބުނު ކަންތަކެވެ.

އެއާޕޯޓެއް ލިބޭތީ ރަށުގެ ގުދުރަތީ ތުނޑީގެ ބޮޑު ބައެއް ގުރުބާންކޮށްފައި ވިޔަސް ހެޔޮކަމަށް ނިންމައިގެންނެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި އަދި އިއްޔެ ނިމުނު އިންތިޚާބެއްގައި [މަޖިލިސް އިންތިޚާބު] ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް މަސައްކަތް ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދެނެގަނެވުނީ [ރަށުގެ] ކޮންމެ ތަނަކު އެޅިޔަސް ރައްޔިތުންގެ ގިނަ ބަޔަކު އެއާޕޯޓެއް ބޭނުންކަން،" ނިލަންދުއަށް ނިސްބަތްވެވަޑައިގަންނަވާ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ފޭސްބުކުގައި ވިދާޅުވިއެވެ.

ގޮނޑުދޮށް ގުރުބާން ކުރަން ބޭނުން ނޫންނަމަ އޮތް ގޮތަކީ ފަޅުގައި ރަށާ ދުރުން އެއާޕޯޓު އެޅުމެވެ.

ފ. ނިލަންދޫ ހިމެނޭ ފަޅު. އެއާޕޯޓު މަސައްކަތަށް ބިން ހިއްކަނީ ރަށާ ގުޅުވައި އެއާޕޯޓު އަޅަން. އެ ކަމަށް މޫދު ހިމެނޭހެން ހިތްގައިމު ތުނޑިއެއް އެކީ ހިއްކާނެ -- ފޮޓޯ/ އަލީ އަހްމަދު

ނަމަވެސް އެއީ ރައްޔިތުންނާއި، ކައުންސިލުން ވެސް ބޭނުންވާ ކަމެއް ނޫނެވެ. އެއީ އަލުން ބަލުން ރަށެއް ތަރައްގީކުރަން ޖެހުމާއި، މުސްތަގްބަލުގައި ރައްޔިތުންނަށް ވެސް އެކަމުގައި ދަތި އޮތުމުންކަމަށް އަހްމަދު ވިދާޅުވިއެވެ.

"ރާއްޖެ ތެރޭގައި އެއާޕޯޓުތައް ތަރައްގީވެފައި އޮތްއިރުގައި، ޒަމާނުއްސުރެ މި އޮންނަނީ ހަމަ، އަދިވެސް މެޖޯރިޓީ މި އޮތީ ރަށާ ގުޅިގެން އެ ކަން ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރަން ހިތްގައިމު ތުނޑި ގެއްލުމަކީ ބައެއް ރައްޔިތުން ކަންބޮޑުވާ ކަމެއް ނަމަވެސް އެއާޕޯޓު މަސައްކަތް ނިމެންވާއިރަށް އެ ރައްޔިތުންނަށް މާ ހިތްގައިމު، ހިތްފަސޭހަ ބީޗެއް ލިބޭނެކަމަށެވެ. އެއީ ވެސް އެހާމެ ގުދުރަތީ ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި އެއާޕޯޓު ނިމިގެންދާއިރު، ޚާއްސަކޮށް ބިން ހިއްކުމުގެ ކަންތައް ނިމިގެންދާއިރު ނިލަންދޫ ރައްޔިތުންނަށް ހިތްފަސޭހަކަމާ އެއްކޮށް މޫދަށް އެރި މަޖާކޮށްލެވޭނެ ގޮތަށް އިރާދަކުރެއްވިއްޔާ ވަރަށް ފެންވަރުގައި ވާންޖެހޭ ތައްޔާރީތައް ވަމުން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދެން އުފެދޭ ސުވާލަކީ ބިން ހިއްކައިގެން ތަރައްގީކުރާ ސަރަހައްދަކާ ޖެހިގެން ދެން އޮންނާނީ ގުދުރަތީ ބީޗެއްތޯއެވެ. ގުދުރަތީ ވެއްޓެއް ނެތިކޮށްލައިގެން، އެހެން މާ ހިތްފަސޭހަ ތަނެއް އުފެދިދާނެތޯއެވެ. ބިން ހިއްކުމުން ދެން އޮންނާނީ ކިސަޑެެވެ. ގެއްލިގެން އެ ދިޔައީ އަސްލު ގުދުރަތީ ގޮނޑުދޮށްކަމަށް ވާތީއެވެ.

"ޓޫރިސްޓުންނަށް ދެން ނިލަންދޫއިން ވިއްކަނީ ކޯންޗެއްތޯ،" އެއާޕޯޓާއެކު ފަތުރުވެރިކަން ރަށުގައި ފުޅާކުރަން ކައުންސިލުގެ އޮތް ޕްލޭނާ ގުޅިގެން ސޭވް މޯލްޑިވްސް ކެމްޕޭންގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު ސުވާލު އުފެއްދެވިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ހުމައިދާ ވަނީ ގުދުރަތީ ނިޒާމަށް ގޮންޖަހައި، ބިން ހިއްކައިގެން ތަރައްގީކުރި އެއާޕޯޓުތަކުން މިއަދު ފެންނަ ނަތީޖާއަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މިފަދަ ވައުދުތަކުން އުފަންކުރުވާ ކަންކަމުގެ ސަބަބުން ތަރައްގީގެ ނަމުގައި އިގްތިޞާދަށް ވެސް ދެވެނީ ބޮޑު ގެއްލުމެކެވެ. ނެތިކޮށްލަނީ ހަމައެކަނި ގުދުރަތީ ވިލުންވެރިކަމާއި ވެެއްޓެއް ވެސް ނޫނެވެ.

ނިލަންދޫ ރައްޔިތުން އާންމުކޮށް ބޭނުންކުރާ އަތިރިމަތި --

މިސާލެއްގެ ގޮތުން ހުމައިދާ ދެއްކެވީ ހއ. ހޯރަފުށީ އެއާޕޯޓެވެ. އެއާޕޯޓު އަޅައި ނިމި ބޭނުންކުރަން ފަށައިގެން މާ ގިނަ ދުވަހެއް ނުވެ، 2021ވަނަ އަަހަރުގެ ތެރޭ އެއާޕޯޓަށް ރާޅު އަރައި، އޮޕަރޭޝަންތަކަށް ބުރޫއެރިއެވެ.

https://sun.mv/152262

މިއީ ގުދުރަތީ ނިޒާމާ ދެކޮޅަށް މަޝްރޫއެއް ހިންގައިގެން ލިބޭނެ ގެއްލުން ސާފުވާ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނަތީޖާއަކީ އެ ތަނެއް ހިމާޔާތްކުރަން އަނެއްކާ ވެސް އެތައް ސަތޭކަ މިލިއަނަކުން ޚަރަދުކުރަންޖެހުން ކަމަށް ވެސް ހުމޭދާ ވިދާޅުވިއެވެ.

"މިއީ ސިޔާސީ ވައުދެކޭ ކިޔައިފައި ސަރުކާރަށް ފަސޭހަ ގޮތަށް ތަނެއް ދޮރެއް ނުބަލައި، ރަށަށް ދެންވާނެ ގޮތެއް ނުބަލައި، މާދަމާ ރަށް އޮންނާނީ ކިހިނެއްތޯ ނުބަލައި، ރަށަށް މިކަމުން އަންނާނީ ފައިދާތޯ ގެއްލުންތޯ ނުބަލައި ނަމަކަށް ކަމެއް ކުރީމާ އޭގެން ފައިދާ ލިބޭނެ ގޮތެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުފެނޭ،" ހުމައިދާ ވިދާޅުވިއެވެ.

އީއައިއޭގެ ބާރެއް ނެތް، އެއީ ނަމެއްގައި ކުރާ ކަމެއް

ކޮންމެ މަޝްރޫއަކަށް ވެސް އެންވަޔަރަމަންޓް އިމްޕެކްޓު އެސެސްމަންޓް (އީއައިއޭ)ގެ ނަމުގައި އެސެސްމަންޓެއް ހަދައެވެ. އެއީ އެ ކަމަކުން ވެއްޓަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލާއި ވާނެ ގެއްލުން ދެނެގަތުމަށެވެ. އަދި މަޝްރޫއު ޑިޒައިންކޮށް ފީސިބަލްވާނެތޯ ޔަގީންކުރުމަށެވެ.

ނަމަވެސް މިއިން އެއްވެސް އީއައިއޭއަކަށްފަހު ވެސް އެއީ ތިމާވެއްޓަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބެން އޮތް ކަމެއް ނަމަވެސް އެކަމެއް މަޑުޖައްސަން ނުވަަތަ ނުކުރަން ނާންގައެވެ.

ހުމައިދާ ވިދާޅުވި ގޮތުގައި އީއައިއޭ ހަދަނީ އެންމެ ރަނގަޅު ގޮތަށް، ބަލަން ޖެހޭ ކަންކަމަށް ރިއާޔަތްކޮށްގެން ވެސް ނޫނެވެ.

"އީއައިއޭ އާންމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ހަދައި އުޅެނީ ޕްރޮޖެކްޓު ހިންގާ މީހުންނަށް ޓަކައި. އެއީ ޕްރޮޖެކްޓު ހިންގަން ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ފ. ނިލަންދޫ އެއާޕޯޓު މަސައްކަތަށް ބިން ހިއްކަނީ. މޫދު ހިމެނޭހެން ހިތްގައިމު ތުނޑިއެއް އެކީ ހިއްކާނެ -- ފޮޓޯ/ އަލީ އަހްމަދު

ރާއްޖޭގައި ހިންގާ ތަރައްގީގެ ކޮންމެ މަޝްރޫއަކީ ވެސް އޭގެ ސަބަބުން ގުދުރަތީ ވެއްޓަށް އެ ކަމުގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށް ނޫނީ ނުހިންގޭނެ މަޝްރޫއުތަކެކެވެ. މައިގަނޑު ސަބަބަކީ ވެށީގެ ނާޒުކުކަމާއި، ބިން ހޯދުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހުމެވެ.

ނަމަވެސް މަޝްރޫއަކަށް ވެށިން މިހާ ބޮޑު ބައެއް ގުރުބާންކުރުމަކީ ރާއްޖޭގެ ޖަޒީރާވަންތަކަމާއި، ދެމިއޮތުމަށް ހަމަ އެންމެ ރަނގަޅު ގޮތްތޯ ވިސްނައިލަން ޖެހެއެވެ. އޭގެން ކުރާނެ އަސަރު ދެނެގަނެ، ވެށި ހަލާކު ނުކޮށް ތަރައްގީ ގެނެވޭނެ މަގެއް ހޯދަން ޖެހެއެވެ.

އެހެންނޫންނަމަ ބައިނަލްއަގްވާމީ މައިދާނުގައި މޫސުމީ ބަދަލާއި، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ވާހަކަ ރާއްޖެއިން ދެއްކި ނަމަވެސް ސަރުކާރުތަކުން ކުރާ އަމަލުތައް ފެންނަން އޮންނާނީ ދިމާ އިދިކޮޅަށެވެ.

comment ކޮމެންޓް