އެޕަލް ޕްރޯ ވިޝަންއަށް ފުރަތަމަ ފިލްމު

ޓެކް ކުންފުނި އެޕަލްގެ އެންމެ ފަހުގެ އާ އުފެއްދުން ކަމަށްވާ އެކުންފުނީގެ އޯގްމެންޓެޑް ރިއެލިޓީ ޑިވައިސް އެޕަލް ޕްރޯ ވިޝަން އަށް ފުރަތަމަ ފިލްމު ނެރުމަށް ތައްޔާރުވެއްޖެއެވެ.

އެޕަލް އިން އެ ކުންފުނީގެ ފުރަތަމަ އޯގްމެންޓެޑް ރިއެލިޓީ ޑިވައިސް ރިލީޒް ކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު މި ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ތަފާތު އެކި ކަހަލަ ޕްރޮގްރާމްތަކާއި އެޕްލިކޭޝަންތައް އުފެއްދުމުގެ މަސައްކަތް އަންނަނީ އެޕަލް އިން ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން މިހާރު މަސައްކަތް ކުރަނީ އެޕަލް ޕްރޯ ވިޝަން އަށް ހާއްސަކޮށް ފިލްމެއް ރިލީޒް ކުރުމަށެވެ. އަލަށް ނެރޭ ފިލްމަށް ކިޔާނީ "ސަބްމާޖްޑް" އެވެ. މިއީ އެކްޝަން ތުރިލާ ފިލްމެކެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށް ސެޓުކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ފެންނާނީ އެމެރިކާ ސަބްމެރިންއެއްގެ ތެރެއަށް ފެން ވަދެގެން އުޅޭ ތަނެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ ޑައިރެކްޓަރު އެޑްވާޑް ބާޖާއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަނުން ބުނެފައިވަނީ ފިލްމު ތައްޔާރު ކޮށްފައިވަނީ މުޅީން ތަފާތު ޓެކްނޮލޮޖީ ބޭނުންކޮށް މީގެ ކުރީން ރެކޯޑު ކޮށްފައި ނުވާ ގޮތަށެވެ.

މި ފިލްމު އޮޕްޓިމައިޒް ކޮށްފައިވާނީ އެޕަލް ވިޝަން ޕްރޯއަށެވެ. އެގޮތުން ފިލްމުގެ މަންޒަރުތައް 180 ޑިގްރީ އަށް ދެމިގެންދާއިރު ތުރީޑީ މޮޑެލް އަށް މަންޒަރުތައް ފެންނާނެއެވެ. އެއާއެކު މީހާ އެނބުރޭ އިރުވެސް ފިލްމުގެ މަންޒަރުތައް ފެންނާނެއެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރެފައިވާއިރު މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެޕަލް ވިޝަން ޕްރޯއަށް މި ފިލްމު ވަރަށް އަވަހަށް އަންނާނެ ކަމަށް އެޕަލް އިން ބުނެއެވެ.

comment ކޮމެންޓް