ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"އިން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ބިބީ" އަތޮޅުތަކުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.
ޑާކްރެއިންއިން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ބިބީއަށް މާލެއިން އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ. އެއާއެކު އެ މަގުބޫލުކަން އަތޮޅުތަކަށް ގެންދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބިބީ އެންމެ ފުރަތަމަ އެޅުވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގައެވެ. ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނެފައިވަނީ މި ފިލްމު ތިނަދޫގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ރެއެވެ.
މި ފިލްމު ތިނަދޫގައި އެޅުވުމަށް ތައްޔާރުވާއިރު ލީޑް ކާސްޓުގެ ތެރޭގައި ހިމެނޭ ޝަރަފް އަބްދުالله މި ފިލްމު ޕްރިމިއާކުރުމަށް ތިނަދޫއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި, ފިލްމުގެ ޕްރިމިއާއާ އެކު މީޓް އެންޑް ގްރީޓް އިވެންޓެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިނަދޫގެ އިތުރުން އެހެން ރަށްތަކުގައި ވެސް ފިލްމު އެޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމު އެޅުވުމަށް ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޑާކްރެއިންއިން ވަނީ ބުނެފައެވެ.
ކޮމެޑީ އަދި ބިރުވެރި ޖޯންރާ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މި ފިލްމުގައި ޝަރަފްގެ އިތުރުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބު ފެނެއެވެ.
ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ)އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހުއެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.