އަބަދަށްގެ އާ ޓްރެއިލަރެއް، ބަލައިފިންތަ؟

މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އެޅުވުމަށް ހަމަޖެހިފައިވާ ފިލްމު ކަމަށްވާ "އަބަދަށް"ގެ މުޅީން އާ ޓްރެއިލަރެއް އާންމުކޮށްފިއެވެ.

މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ބިޒީ އަހަރަކަށެވެ. ފިލްމަކަށް ފަހު ފިލްމެއް އެޅުވިއިރު ތަފާތު އެކި ޖޯންރާގެ ފިލްމުތައް ވަނީ އާންމުންނަށް މިދިޔަ އަހަރު ފެނިގެން ގޮސްފައެވެ. ނަމަވެސް އެ ބިޒީކަމެއް އަދި މި އަހަރު ނުފެނެއެވެ.

މި އަހަރުގެ ފުރަތަމަ ފިލްމު އޮލިމްޕަހުގައި ދައްކަން ތައްޔާރުވަމުން އަންނަ އިރު މިއަހަރު އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓު ކުރާ ފިލްމު، "އަބަދަށް" ފިލްމެވެ.

އަންނަ މަހު ދައްކަން ފެށުމަށް ހަމަޖެހިފައިވާ ފިލްމާ ގުޅޭގޮތުން ޕްރޮޑަކްޝަނުން އަންނަނީ ތަފާތު އާ މައުލޫމާތު އާންމު ކުރަމުންނެވެ. އެގޮތުން، ދާދިފަހުން ރިލީޒްކޮށްފައިވާ ޓްރެއިލަރުން ފިލްމުގެ ތީމަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ. ޓްރެއިލަރުގެ ތީމުން ކިޔައިދޭ ގޮތުގައި ތަފާތު އެކި ކަހަލަ ގޯސް އިހުސާސްތައް ކުރެވޭ ނަމަ އޭގެ ނޭދެވޭ އަސަރުތައް ކުރާނެވެ.

ނަފުސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް އެ ބައްޔާއެކު އުޅޭ އިރު އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ވެސް ޓްރެއިލަރުން ދައްކައިދީފައިވެއެވެ.

އަލަށް ނެރޭ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ.

ނޫރު އެން މޫވީސްގެ ދަށުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިންއާއެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެންނަނެ ކަމަށް ބެލެވެއެވެ.

އަބަދަށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް