ޗައިނާގައި ކުރިއަށްދިޔަ ޝެންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މުބާރާތުގައި އެއްވަނައަށް ސީޑުކުރެވުނު އިޓަލީވިލާތުގެ ޔަނިކް ސިނާ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސިނާ ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި ހަތަރުވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ސެޓުގެ ޓައި ބްރޭކްގައި ސިނާކުރި ހޯދީ 7-4 އިންނެވެ. ދެވަނަ ސެޓު ސިނާ ކާމިޔާބުކުރީ 6-3 އިންނެވެ.
ކުޅިވަރު ކުޅޭ ކުޅުންތެރިން ބޭނުންކުރުން މަނާ މާއްދާއެއްގެ އަސަރު ސިނާގެ ހަށިގަނޑުން މި އަހަރުގެ ކުރީކޮޅު ފެނުމާ ގުޅިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ތަހުގީގު ނިމިފައިވީ ނަމަވެސް އަލުން އެ މައްސަލަ އިސްތިއުނާފުގައި އޮތުމާ ކުރިމަތިލާން ޖެހިފައިވި ސިނާގެ ފަރާތުން މި މެޗުގައި އެކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.
މި ސީޒަންގައި އޭނާ ވަނީ ހަތް މުބާރާތް ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި ސިނާވަނީ އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންއާއި އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފައެވެ. މި އަހަރު އޭނާ ކުޅުނު 71 މެޗުގެ ތެރެއިން 65 މެޗު ސިނާ ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގައި ނާކާމިޔާބީ އާކުރިމަތިލާން ޖެހުނު ޖޯކޮވިޗަށް މެޗުން ބަލިވުމާ އެކު އޭނާގެ ކެރިއަރުގައި 100 ވަނަ މުބާރާތް ކާމިޔާބުކުރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ އިތުރު އިންތިޒާރަކަށް ގޮސްފައެވެ. އުމުރުން 37 އަހަރުގެ ޖޯކޮވިޗް މި މެޗަށް ނުކުތީ 100 މުބާރާތް ކާމިޔާބުކުރާ ތިންވަނަ ކުޅުންތެރިޔާއަށްވުމުގެ އުންމީދާއެކުއެވެ. ކުރިން 100 މުބާރާތް ކާމިޔާބު ކޮށްފައިވާ އަނެއް ދެ ކުޅުންތެރިންނަކީ 109 މުބާރާތް ކާމިޔާބުކޮށްފައިވާ ޖިމީ ކޯނާއާއި 103 މުބާރާތް ކާމިޔާބުކޮށްފައިވާ ރޮޖާ ފެޑެރާއެވެ.