މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ނިކަމެތިކުރާ ކަމަށް ބުނެ، ލާމަރުކަޒީ ނިޒާމު ދިފާއުކުރަން އިގުރާރުވެއްޖެ

އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށް ޓަކައި އެ އިރެއްގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުން މަތީ ދެމިތިބުމަށް އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑަބްލިއުޑީސީ މެމްބަރުން އިގުރާރުވެއްޖެއެވެ.

މި އިގުރާރުވެފައި ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ އެމްޑީޕީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންނެވެ. އެ މެންބަރުން މި އިގުރާރުވީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގެ ތެރެއިންނެވެ.

މި ކޮންފަރެންސަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ބޮޑުތިލަދުންމަތީގެ އެމްޑީޕީ ކައުންސިލަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

https://sun.mv/197799

އެމްޑީޕީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އިގުރާރު އާންމުކޮށްފައެވެ.

އޭގައިވަނީ މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ފާސްކުރަމުންދާ ބައެއް ގާނޫނުގެތަކުގެ ސަބަބުން ލާމަރުކަޒީ ގާނޫނަށް ހުރަސްއެޅި، ކައުންސިލްތަކާއި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަތުމުން، ކައުންސިލްތަކަށް އެ ގާނޫނު ތަންފީޒުކުރަން އުނދަގޫވާނެ ކަމަށެވެ.

އެ ފަދަ ގާނޫނުތައް މަޖިލީހުން ފާސްކުރަމުންދަނީ ކައުންސިލްތަކާއި، ރާއްޖޭގެ ފަންނީ މާހިރުންނާއި، ކަމާގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ އެއްވެސް ކަންބޮޑުވުމަކާއި އިސްލާހަކަށް ބެލުމެއް ނެތި، ލާމަރުކަޒީ ގާނޫނަށް ނިކަމެތިކަން ލިބޭގޮތަށް ކަމަށް އެ އިގުރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ކަންކަން މިހެން އޮތުމާއެކު، އެ ގާނޫނުތައް އިސްލާހު ކުރުމަށް ގޮވާލައި، ކައުންސިލްތަކާއި ޖަމިއްޔާތަކުން ކުރަމުންގެންދާ އެންމެހައި މަސައްކަތްތަކަށް ހިތްވަރުދީ، އެ ކަންކަމުގައި ބައިވެރިވެވެން އޮތް އެންމެ ފުޅާމިނެއްގައި ބައިވެރިވެ، އެ ނިޒާމު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އުތުރުގެ ތިން އަތޮޅުގެ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ އެމްޑީޕީ މެންބަރުން ވަނީ އިގުރާރުވެފައެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މިދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ އިދާރީ ދާއޮރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އެ ނިޒާމު ހިންގުމަށް ހެޔޮ ބަދަލުތަކެއް ވަނީ އަންނަން ފަށައިފައެވެ.

އެ ގޮތުން ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިތުރުން، ސިޓީ ކައުންސިލްތަކަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އުފައްދާފައިވާ، ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކި ޝަޚްސެކެވެ. އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަނީ އެ ބާރުވެރިކަން ކައުންސިލްތަކުގެ ކިބައިން ނިގުޅައިގަންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށްބުނެއެވެ.

ބޮޑުތިލަދުންމައްޗަށް އެމްޑީޕީގެ ލީޑަޝިޕުން މިހާރު ކުރާ ދަތުރަކީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ.

މިހާރު އެ ޕާޓީން ކުރިޔަށް ގެންދާ "ލާމަރުކަޒީ ކޮންފަރެންސް" ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް އެ ޕާޓީން ވަނީ ރާވައިފައެވެ.

comment ކޮމެންޓް