އެމްޑީޕީގެ ''ލާމަރުކަޒީ ގުޅުން'' ކޮންފަރެންސް ފަށައިފި

އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް މިއަދު ހެނދުނު ފަށައިފި: ކޮންފަރެންސްގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަތް -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް މިއަދު ހެނދުނު ފަށައިފިއެވެ.

މި ކޮންފަރެންސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަން ރާވާފައިވާއިރު، އެންމެ ފުރަތަމަ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ބޮޑުތިލަދުންމަތީގައެވެ. އެގޮތުން މިއަދު ހެނދުނު ކުޅުދުއްފުށީގައި ކޮންފަރެންސް ވަނީ ފަށައިފައެވެ.

ބޮޑުތިލަދުންމައްޗަށް އެމްޑީޕީގެ ލީޑަޝިޕުން މިހާރު ކުރާ ދަތުރަކީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ.

މި ކޮންފަރެންސަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ބޮޑުތިލަދުންމަތީގެ އެމްޑީޕީ ކައުންސިލަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮންފަރެންސްގެ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ. އެ ކޮންފަރެންސްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ވެސް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ދަތުރުގައި ހއ. ހދ. އަދި ށ. އަތޮޅުގެ އެކި ރަށްތަކަށް އެމްޑީޕީން ދާއިރު، ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.

އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބުނެ މި ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ނިޔާޒް ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އެ ޕާޓީން ކައުންސިލްތަކާ ގުޅުން އެންމެ ރަނގަޅަށް ބޭއްވިފައި ނުވެއެވެ. އެހެންކަމުން ބޮޑުތިލަދުންމަތީ ބާއްވާ ކޮންފަރެންސާއެކު ޕާޓީ އާއި ކައުންސިލްތަކާއި ގުޅުން ރަނގަޅުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް